އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ބޭނުންވާ ބަޖެޓް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ބާއްވަން ޖެހޭ އިންތިޚާބު ތަކުގެ ބަޖެޓް 42.8 މިލިއަން ރުފިޔާއިން 29.8 މިލިޔަން ރުފިޔާއަށް ކުޑަ ކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، އިންތިހާބަށް 42.8 މިލިޔަން ރުފިޔާގެ ބަޖެޓް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮޓީއަށް ހުށަހެޅުމުން، ބަޖެޓުން ކޮންމެވެސް އަދަދުތަކެއް ކުޑަވޭތޯ، މަސައްކަތް ކޮށްދިނުމަށް ކޮމިޓީން އެދުނު އެދުމުގެ މަތިން، ކުރި މަސައްކަތްތަކުން ބަޖެޓް 29.8 މިލިއަނަށް މިހާރު ކުޑަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އޮތް ބަޖެޓަކީ އިންތިހާބަށް ބޭނުންވާ ކަންތައްތައް ކުރަން ރަނުން ރަނަށް ބޭނުންވާ އަދަދު ކަމަށެވެ.

ކައުންސިލް އިންތިހާބް ބާއްވަން ކަނޑައަޅާފައިވާ ތާރީޙަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ. ކުރިން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ދަރު ހަމަވާން ވާއިރަށް އިންތިޚާބު ބޭއްވުމަށްޓަކާ ގާނޫނާ އެއްގޮތަށް މިއިންތިޚާބު ބާއްވަން ކުރިން ތާވަލު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް 4 ގައެވެ. ނަމަވެސް އިންތިހާބް ފަސްކުރަން ޖެހުނީ ކޮވިޑް 19 ގެ ސަބަނުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާތީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތިގެންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާތީ އެކި ފަހަރު މަތީން އިންތިހާބު ލަސްކުރަމުން ގޮސް، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭގެ ފަހުން އެ ގާނޫނަށް ވެސް އިސްލާހު ގެނަސްގެން އިންތިޚާބު ބޭއްވޭނެ މާހައުލެއް މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ އިންތިޚާބުގެ ޚަރަދުތައް ކުރިއަށް ވުރެ އެތައް ގުނައެއް ބޮޑުވެގެން ދިޔައީ ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްޞަ އުސޫލު ތަކާއެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން