ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހައްދަވާނެ އެއްޗެއް ހައްދަވަން ދޫކޮށްލައިފި ނަމަ، މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމި އޮވެދާނެ ކަމާ މެދު ޝައްކު ކަމަށް މަގާމުން ވަކިކުރިފަހުން ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްޕް ގްރޫޕުގައި މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އިންޒާރެއް ދެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕު މެދުވެރި ކުރައްވައި ރައީސް ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ހުޅުމާލެ ކްލިނިކް ދީފައިވާކަމަށް ބުނާ މައްސަލައެއް ފެންމަތިކުރަށްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

"ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން." ރައީސް ނަޝީދު ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވެފައި ވަނީ، އެކަމުގައި ނޫޅުއްވާ ކަމަށް ކުރިންވެސް ދަންނަވާފައި ވާނެ ކަމަށާ އެމަނިކުފާނަށް ނުފޫޒު ފޯރުވޭ ކަންކަމާއި ނުފޯރުވޭ ކަންކަން ހުންނާނެ ކަމަށާއި، ނުފޫޒު ފޯރުވާ ނަމަ އެކަމަށް އެއްބަސްވާން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަޒީރުންގެ މަޖިލިސް ބަލިކަށި ވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފައިބުޑަށް ވަޒީރުން ވެއްޓެން ޖެހުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ. އަސާސެއް ނެތި ވަޒީރުންނާ ދިމާކުރާނަމަ މަޖިލިސް ރައީސަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސްް މަލީހު ވިދާޅުވިއެވެ.

މިމަހުގެ އެއްވަން ދުވަހު މަޖިލީހުން އިތުބާރު ނެތްކަމަށް ވޯޓުނަގައި، މަލީހު ވަނީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުން ވަކިކޮށްފައެވެ. އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރީވެސް އެޕާޓީގެ މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކު ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން