HPA ge kanboduvun thakah bellevumeh nethi Majlis Raees gey'geyah ziyaaraiy kurehvumugai.
HPA ge kanboduvun thakah bellevumeh nethi Majlis Raees gey'geyah ziyaaraiy kurehvumugai.
ރާއްޖޭގައި ކޯވިޑް ފެތުރުން ނުރައްކާތެރި މިންވަރަކަށް އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ގިނަ މީހުން އެއްވެ ނޫޅުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުމާއި، ގައިދުރުކޮށްގެން އުޅުމާއި އަތާއި އަތް ޖޯޑުކޮށް ސަލާން ނުކުރުންފަދަ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމު ފިޔަވަޅުތަކެއްކަމަށްވާއިރު، މިއީ ހަމައެކަނި ވަކި ބަޔަކު އަމަލުކުރަންޖެހޭ އުސޫލުތަކެއް ނޫނެވެ. އަދި މިއީ ވަކި ބަޔަކު އަމަލުކުރުމުން ބަލިމަޑުކަން ފެތުރިފައި އަނެއް ބަޔަކު ކުރުމުން ބަލިމަޑުކަން ނުފެތެރޭނެ ކަމަށް ބަލައިގެން ވާނެ ކަމެއް ވެސް ނޫނެވެ.

ދައުލަތުގެ އެންމެ މަތީވެރިޔާއިން ފެށިގެން ގައުމުގެ އެންމެ އާދައިގެ ރައްޔިތު މީހާ މި އުސޫލުތަކަށް ތަބާވާން ޖެހެއެވެ. އަދި އިދިކޮޅު ޕާޓީތަކާއި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ވެސް މި އުސޫލުތަކަށް އިހުތިރާމް ކުރަން ޖެހެއެވެ. މިއުސޫލުތައް މުގުރާލާފައި އިދިކޮޅުން ވެސް މަގުމައްޗަށް ނުކުމެގެން ނުވާނެއެވެ. މިއުސޫލުތައް އެއްފަރާތްކޮށްފައި ސަރުކާރު ހިންގާ ޕާޓީތަކުން ވެސް ހަފުލާތަކާއި އުފަންދުވަހުގެ ޕާޓީތައް ބާއްވައި ގޭގެއަށް ޒިޔާރަތް ކޮށްގެން ނުވާނެއެވެ. ކޮންމެ ބަޔަކު ކުރިއަސް ކޮންމެ ކުލައަކަށް ނިސްބަތްވާ ބަޔަކު ކުރިއަސް އެއީ ގޯހެކެވެ.

ރާއްޖޭގައި ކޯވިޑްގެ 3 ވަނަ ރާޅެއް ނަގާފައިވާ އިރު، މިއީ އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުނުކުރުމުގެ ނަތީޖާކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންކަމަށްވާނަމަ މިއުސޫލުތަކަށް މަދު ބަޔަކު ނަމަވެސް ތަބާނުވަނީ ކީއްވެގެންތޯ ބަލާލުން މުހިންމެވެ. އަދި އެގޮތަށް ހިނގަން މެދުވެރި ވަނީ ކޮންކޮން ސަބަބަކާ ހުރެތޯ ވެސް ބަލާލަން ޖެހެއެވެ. ހަމަގައިމުވެސް ކޮވިޑަކީ ބާރުގަދަ މޮޅު މީހާގެ ފަރާތުން ނުފެތުރިފައި ބާރުދަށް ނިކަމެތި މީހާގެ ސަބަބުން ފެތުރޭ އެއްޗެއް ނޫނެވެ.

ފެންނަ މަންޒަރުތަކަށް ބަލާއިރު، އަދި މިހާތަނަށް އިވިފައިވާ އަޑުތަކަށް ބުރަވާއިރު ކޯވިޑަކީ މާބޮޑު ނުރަައްކަލެއް ނޫންކަމަށް ބުނެ އެންމެ ގިނަ ވާހަކަދައްކާ އަޑު އިވިފައިވަނީ ރައްޔިތުންގެ މަޖިލިސް ތަޅުމުންނެވެ. މިއީ އާދައިގެ ރޯގާއެއްކަމަށް ފާޅުގައި ބުނެފައި އެބަހުއްޓެވެ. ފުރަބަންދުކުރަން އެންމެ ދެކޮޅީވެސް އެ މެމްބަރުންނެވެ. ކޯވިޑް ފެތުރޭ ގައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލުމާއި މީގެ ތެރެއިން ގިނަ ބޭފުޅުން ދެކޮޅެވެ. މިބޭފުޅުންގެ ވާހަކަތައް ހުރިގޮތުން އެތައް ސަތޭކަ ހާސް ބަޔަކު މަރުވެ، ދުނިޔެ އިނދަޖައްސާލި ކޯވިޑަކީ ހަމަ އާދައިގެ ރޯގާއެކެވެ. ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި މަޖިލީހުގެ މެމްބަރުންނާއި އެމަޖިލީހުގެ ރައީސްގެ އަމަލުތައް ހުރިގޮތުން ބައެއް ރައްޔިތުންވެސް ކޯވިޑަކީ މާބޮޑުކަމަކަށް ނުހަދާ ކަހަލައެވެ.

ރާއްޖޭގައި ކޮވިޑް އޮތީ ކޮންޓްރޯލުން ނައްޓާލާފައި ކަމަށް ހެލްތު މިނިސްޓަރު އެއްކޮޅުން ވިދާޅުވާ އިރު ލޯކަލް ކައުންސިލް އިންތިހާބު ވެސް އޮތީ ބޯމަތިވެފައެވެ. އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާއިރު، ކަންބޮޑުވާ އެތައް މަންޒަރެއް ދަނީ ފެންނަމުންނެވެ. ބޮޑެތި ފައުޖުތައް ގޮވައިގެން ބައިހަދާފައި ކެމްޕެއިން ޓީމުތައް ގޭގެއަށް ޒިޔާރަތްކުރަމުންދާއިރު، އެކަމުގެ ނުރައްކާތެރިކަން ކުޑަކޮށްވެސް އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީތޯ، މިއީ ހަމަގައިމުވެސް އުފެދޭނެ ސުވާލެކެވެ. ތަންދޮރު އެންމެ ރަނގަޅަށް އޮޅުންފިލާ އެންމެ ދުރަށް ވިސްނާ ވަޑައިގަންނަވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސް މިކަމުގައި އަމަލުކުރައްވާ ގޮތުން، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު ތަކަކީ ވަކި ބަޔަކަށް އަމާޒުކޮށް އަޅާ ފިޔަވަޅުތަކެއްކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑަށް އެބައޮތް ކަމަށް އިދިކޮޅުން އެބަ ބުނެއެވެ. އަދި މީސް މީޑިއާގައި ބައެއް އާންމުން ވެސް މި ބީދައިން އެބަ ވާހަކަ ދައްކައެވެ. ކޮންމެވެސް ބަޔަލު އެބަ ކަންބޮޑުވުން ފާޅުކުރެއެވެ. އަޅުގަނޑުމެންނަށް މިފެންނަނީ ދެކޮޅުންވެސް ދައްކާ މަންޒަރެވެ. ދެކޮޅުން ވެސް ދައްކާ ވާހަކައެވެ. އެއްބަޔަކު ހެސްކިޔާފައި މުޒާހަރާ ކުރަނީއެވެ. ހައްގުތައް ނުލިބިގެންނެވެ. އެމީހުން ބުނަނީ ކޮވިޑޭ ކިޔައިގެން ސަރުކާރުން ނާޖާއިޒު ފައިދާ ނަގަނީ ކަމަށެވެ. އެހެންވީމާ އެމީހުން ބޮނޑި ބޮނޑިއަށް، ގުޅަގުޅައަށް ތިބެ މުޒާހަރާ ކުރަނީއެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުމަކީ މަނާކަމެކެވެ. އަދި ގޭގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މިކަން މިހެން އޮތްއިރު ރައީސް ނަޝީދު މިހާރު ގިނައިން އުޅުއްވާތަން ފެންނަނީ ކެމްޕޭންގައި މަގުމަތީގައެވެ. ކެންޑިޑޭޓް އަނަސްގެ އަތުގައި ހިއްޕަވައިގެން ދޮރުން ދޮރަށް ހިންގަވައި ފަހަރަކު ގެއަކަށް ވަންނަވަމުންދާއިރު، ގައި ދުރުކަމެއް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް ކަމަށްބުނެ މީހުން އަޑުއުފުލަނީއެވެ. މިހެން އުޅުއްވާއިރު ކެމްޕެއިން ޓީމުގައި އުޅުއްވާ ބޭފުޅެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެނަމަ، ރެކޯޑް އަދަދަކަށް އެކްލަސްޓަރގައި މީހުން އޮންނާނެ ކަމަށް ބުނެ އެކަމާ ކަންބޮޑުވާ މީހުން އެތިވަރު ގޮވަނީއެވެ.

ނަމަވެސް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން މިކަމުގައި އެއްޗެއް ވިދާޅުނުވާތީވެސް މީހުން ފާޑުކިޔަނީ އެވެ. ފަހަރެއްގައި އެއީ އެމަނިކުފާނު ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން ކަމަށް ވެދާނެ ކަމަށްވެސް މީހުން ބުނެއެވެ. އެފަދަ ފަރާތްތަކުން ތުހުމަތު ކުރަނީ އެމަނިކުފަނާއި ގުޅޭގޮތުން ސަރުކާރުގެ ބޭފުޅަކު އެއްޗެއް ވިދާޅުވެއްޖެނަމަ، އެމީހެއްގެ ކަންތައްތައް ނިމޭ ގޮތް މިހާރު އެންމެނަށްވެސް އެނގޭތީ އެކަމުގައި ކަމާބެހޭ ފަރާތްތަކުން އަޅައި ނުލަނީ ކަމަށެވެ.

މިހެން ކަންކަން ހުރީމާ ކޮވިޑަކީ ފާޑެއްގެ ސިޔާސީ ހަތިޔާރެއް ކަމަށް ގިނަ މީހުންނަށް ގަބޫލުކުރެވެނީއެވެ. އެޗްޕީއޭއިން ކިތަންމެ ވަރަކަށް އާންމުން މަގުމަތީގައި ނޫޅެއް ގޮވިޔަސް އެއީ މާބޮޑު ކަމެއް ކަމުގައި މާ ހައްސާސް ވާހަކައެއް ކަމުގައި މީހުންނަށް ގަބޫލު ނުކުރެވެނީ ކެމްޕޭނާ ޖެހުނީމާ ކޮވިޑަކީ މާބޮޑު ބައްޔެއް ކަމަށް ނުބެލެވޭތީވެސް ކަންނޭނގެއެވެ.

ހަމަގައިމުވެސް އެމްޑީޕީން ވެސް ރައީސް ނަޝީދުވެސް މިފަހަރު ގަބޫލުކުރައްވައި ބަލައިގެންނެވި އެއްކަމެއް އެބައޮތެވެ. އެއީ ރަށްރަށަށް ގޮސް ކެމްޕޭން ނުކުރުމަށް އަންގާފައި އޮތް އެންގުމެވެ. އެ އެންގުމަށް އެންމެ ފުރިހަމައަށް އިހުތިރާމް ކުރަށްވައި ކެމްޕޭން ސިޔާސަތު ބަދަލުކޮށްލެއްވުމުގައި ނަމޫނާ ދެއްކެވީ ހަމަގައިމުވެސް ރައީސް ނަޝީދެވެ. ނަމަވެސް މާލޭގައި ދޮރުން ދޮރަށް ހިންގެވުން ޚިޔާރު ކުރެއްވީ ކީއްވެގެން ކަމެއް ދަންނަވާކަށް ނޭނގެއެވެ. އެކަން އެބަ ކުރަށްވައެވެ. ކޮންމެވެސް ބަޔަކު އެކަމާ ކަންބޮޑުވެގެން އެވާހަކަ ވެސް އެބަދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ތިމަންނަ

13-Mar-2021

ތަންދޮރު ނުދަންނަ ގަމާރުން އެންމެ ގިނައީ "ރައްޔަތުންގެ ބަކަރި ކޮށީ " ގައެވެ.



ޓްރެންޑިން