ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ބޭއަދަބީ ބަހުން ވާހަކަ ދެއްކި މައްސަލައެއްގައި އޭނާއާމެދު ފިޔަވަޅު އަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު ބޭއަދަބީ ބަހުން މުޚާޠަބުކުރައްވާފައިވާ މައްސަލާ އިމްތިޔާޒް ކޮމިޓީން ބައްލަވާފައިވާ ކަމަށެވެ. އަދި އިމްތިޔާޒާއި ސްލޫކް ކޮމިޓީން މަޖިލީހުގެ ރައީސަށް ލަފާދެއްވާފައިވަނީ އެ މެންބަރަށް ލިޔުމުން ނަސޭހަތްތެރިވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ ޝަރަފާއި، ކަރާމާތާއި އަބުރު ހިފެހެއްޓުމަށް އެފަދަކަމެއް ތަކުރާރު ނުކުރެއްވުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރަށް ނަސޭހަތްތެރިވެ އެ ލިޔުން މިއަދު ފޮނުއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންނެވެ.

މޮސްޓާ މަޖިލީހުގެ ތަޅުމުން ބޭރުގައި ހިންގަވާފައިވާ އަމަލަކާމެދު މަޖިލީހުން އިދިކޮޅު މެންބަރަކާމެދު ފިޔަވަޅު އަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކި މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުންވެސް ބޭއަދަބީ އަމަލުތަކާއި ބަސްތައް ބޭނުން ކުރަމުންދާ ކަމަށް ގިނަ ބަޔަކު ފާހަގަ ކުރަމުންދާއިރު އެފަދަ އެއްވެސް ބޭފުޅަކާމެދު މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން