އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިކަމެންޑޭޝަނާ އެއްގޮތަށް ގޯތި ދޫކުރުމުގެ މިންގަނޑު އިސްލާހުކުރުމަށް ހައުސިންގ މިނިސްޓްރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިގޮތަށް އަންގާފައިވަނީ، އެކި ރަށްރަށުގައި ގޯތި ދޫކުރުމުގައި ކައުންސިލްތަކުން ޢަމަލުކުރާ ގޮތުން ތަކުރާރުކޮށް އޭސީސީއަށް ޝަކުވާ ލިބެމުންދާތީ، ގޯތި ދޫކުރުމުގައި ހުރިހާ އިދާރާތަކުން ވެސް ޢަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުމަށް ހައުސިންގ މިނިސްޓްރީއަށް ލަފާ ދިނުމަށްފަހު ގައެވެ. އަދި، އެކަން އޭސީސީން ވެސް ވަނީ ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެސްފައެވެ.

ރައީސް އޮފީހުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވަނީ، ގޯތި ދޫކުރުމުގައި ފާހަގަކުރެވޭ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށްޓަކައި އޭސީސީން ލަފާ ދީފައިވާގޮތަށް ހުރިހާ އިދާރާތަކުން ޢަމަލުކުރާނެ އެއް މިންގަނޑެއް ހަމަޖެހިފައި އޮތުމަކީ މުހިންމުކަމެއްކަމަށާއި، އެފަދަ އުސޫލެއް ވީހާވެސް އަވަހަކަށް ކަނޑައެޅުމަށެވެ. އަދި މިފަދަ އުސޫލެއް ތައްޔާރުކުރުމުގައި، ލާމަރުކަޒީ ޤާނޫނަށް ރިޢާޔަތްކުރުމަށާއި، ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ކަށަވަރުކުރުމަށްވެސް ރައީސް އޮފީހުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވެއެވެ.

ރަށްރަށުން ގޯތި ދޫކުރުމުގައި، ގޯތި ދިނުމުގެ ޝަރުޠު ކަނޑައެޅުމުގައްޔާއި، ގޯތި ދޭނެ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ މިންގަނޑު އެކުލަވާލުމުގައި އެކި އިދާރާތަކުން އެކިގޮތަށް ޢަމަލުކުރަމުންދާދިއުމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެއްލި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަން ހިންގުމަށް އޮތް ފުރުޞަތެއް ކަމަށް ރައީސް އޮފީހުން ފާހަގަ ކުރެއެވެ. އެހެންކަމުން އޭސީސީން ފާހަގަކޮށްފައިވާ މައްސަލަތަކަށް ހައްލު ލިބޭނެގޮތަށް ރަށްރަށުން ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލު އެކުލަވާލައި އާންމުކުރުމަށްވެސް ރައީސް އޮފީހުން ވަނީ ހައުސިންގް މިނިސްޓްރީ އަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން