ސަރުކާރުގެ ހުރިހާ ފަންތިއެއްގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެމަނިކުފާނު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މުޖްތަމައުގެ ކޮންމެ ދާއިރާއެއްގައިވެސް ހަމަހަމަ ކަމާއެކު ބައިވެރިވުމުގެ ފުރުސަތު ކޮންމެ އަންހެނަކަށްވެސް އޮންނަންޖެހޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން އިސް މަޤާމުތަކުގައި އަންހެނުންގެ އަދަދު އިތުރުކޮށް ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އަންހެނުންނަށް ލޯކަލް ކައުންސިލުތަކުގެ ވަކި އިންސައްތައެއް ދޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ސަރުކާރުން ތަސްދީޤްކޮޮށްފައިވާއިރު، އޭގެ ސަބަބުން ކޮންމެ ރަށު ކައުންސިލަކާއި އަތޮޅު ކައުންސިލެއްގެ ތިންބައިކުޅަ ދެބައި ގޮނޑި އަންހެނުންނަށް ޚާއްސަ ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ، "އޭޕްރީލްމަހުގެ 10 ވަނަ ދުވަހު އޮންނަ އިންތިޚާބާއެކު މިކަން ވަރަށް އަވަހަށް ހަޤީގަތަކަށް ވެގެންދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސްގެ ވާހަކަފުޅުގައި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ އަންހެނުންނަށް ފަސޭހައިން ލޯނު ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއްކަމަށް ވިދާޅުވިއެވެ. އަދި ޖިންސީގޯނާ ފަދަ އަންހެނުންނާއި އެކަށޭނަ ނޫން މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުމަކީވެސް ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އަންހެނުންގެ ދަުވަސް މިއަދު ފާހަގަކުރާއިރު، މިންތީގެ ހަމަހަމަކަން އެދެވޭ ގޮތުގައި ހާސިލުކުރުމަށް އަދިވެސް ގިނަ މަސައްަކަތްތަކެއް ކުރަންޖެހޭކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުގެ ހުރިހާ ފަންތިއެއްގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން