އަންހެނުންގެ ބާރުވެރިކަން ކުޑަކުރަން ވަކާލާތުކުރާ ފަލްސަފާއެއްގެ އަޑު ގަދަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ކަނބަލުންނަށް އަރިސްކުރައްވާފައެވެ. ދުވަހާއި ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ކަންކަމުގައި، ޚާއްސަގޮތެއްގައި ސިޔާސީ މަސްރަހުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ބައިވެރިވުން ކުޑަކޮށް، ބާރުވެރިކަން ކަނޑުވާލުމަށް ވަކާލާތު ކުރާ ފަލްސަފާއެއްގެ އަޑު މިހާރު ގަދަވެފައިވާ ކަމަށެވެ. އަދި އެ ފަލްސަފާ ފަތުރަމުންދަނީ ދީނުގެ ނަމުގައި ކަމަށާއި، ވަކާލާތު ކުރަނީ އިލްމުވެރިންގެ ނަމުގައި ތިބެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ މި ފަލްސަފާއާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މިވާހަކަތައް މިއަދު އަމާޒު ކުރެއްވީ ސީދާ ކޮން ބައަކަށްކަން ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިން އަންހެނުންނާމެދު އިސްލާމްދީނުގައި އޮންނަ ބައެއް ހުކުމްތަކާއި ގޮތްތައް ހާމަކުރައްވަމުން ގެންދަވާ މައްސަލައިގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އަދި ހުޅަނގުގެ ފިކުރުތަކަށް ތާއީދު ކުރަށްވާ ބައެއް ފަރާތްތަކުން އަންނަނީ އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން މިފަހުން އެފަދަ މައްސަލަ ތަކުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މީސް މީޑިއާގައި ވާހަކަ ދައްކަވައި ދީނީ ޝިޢާރުތަކާއި އުސޫލުތައް ހާމަކުރައްވަމުން ގެންދަވާ ޑރ. މުޙަންމަދު އިޔާޒާއި ޝައިޚް ޒައިދު ފަދަ އިސްލާމް ދީނުގެ ޢިލްމްވެރިންނާ ރައީސް ނަޝީދާ ދެމެދުވެސް އެފަދަ ބަހުގެ ހަމަލާތައް ބަދަލު ކުރެވި ދެބަސްވުން ހިނގާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުން އެފަދަ ބޭފުޅުންނަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ދެއްވާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ސިޔާސީ މަސްރަހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ. އެގޮތުން ޕާޓީގެ ޓިކެޓު އަންހެނުންނަށް ފަސޭހައިން ލިބޭ ގޮތް ސިޔާސީ ޕާޓީތަކުން ހަމަޖައްސައިފި ނަމަ، އަންހެނުން ތަމްސީލުވާ މިންވަތު އިތުރު ވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ހަތަރު މެމްބަރުންނަކީ އަންހެން ބޭފުޅުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން