އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   8 މާރިޗު 2021 - 18:46
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އިލެކްޝަން ކޮމިޝަނުން އެދުނު ނަމަވެސް ފިޔަވަޅުތަކަށް ލުއި ދެވެން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކައުންސިލު އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީން ވަނީ އިލްކްޝަން ކޮމިޝަނާއި އެޗްޕީއޭއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، މި ބަލިމަޑުކަމުގައި އިންތިހާބުތައް ބޭއްވި ހުރިހާ ގައުމަކުން ވެސް، އެ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރާއްޖެއިން އެ މަންޒަރު ނުފެންނަ ކަމަށެވެ.

އެކަމުގެ ސަބަބުން އިންތިހާބު ބޭއްވުމަށް ކުރާ ހަރަދުގެ ދެގުނަ ހަރަދު ކުރަން ޖެހިދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. ސަބަބަކީ، ގާނޫނުގައި ބުނާ ގޮތަށް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނުދީ އިންތިހާބު ބޭއްވި ކަމަށް ބުނެ ކޯޓުން އަލުން އިންތިހާބު ބާއްވަން އަމުރެއް ނެރެފި ނަމަ އެ ހަރަދު ދެގުނަ ވެގެން ދިއުން އެކަށީގެންވާކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

ކޮވިޑްވެ ސަބަބުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު މިހާރު ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އިންތިޚާބީ ކަންކަން ކުރިއަށް ގެންދިއުމަށް އެޗްޕީއޭ އިން ވަނީ ޚާއްޞަ ގައިޑްލައިން އެއް އެކުލަވާލާ އެއާ އެއްގޮތަށް އަމަލު ކުރަން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން