އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދަތި ބޮޑުވެގެން އަމިއްލަ ރަށަށް ބަދުވާ އާއިލާތަކުގައި ތިބި އާމްދަނީ ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ދޭން ޖެހުނު އެކި ޚިދުމަތްތައް ދިނުމުގައްޔާއި ފްރަންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެނޫންވެސް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޝާމިލްވި އަންހެނުންގެ ނަންތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ އެންމެ ބޮޑު އަސަރެއް ކުރި އެއްބަޔަކީ، ކުލި ދީގެން މާލޭގައި ވަޒަންވެރިވެގެން އުޅުނު އާއިލާތައް ކަމަށެވެ.

އެ އާއިލާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ބެހޭ ދާއިރާތަކުގެ ލަފަޔާއެކު ހާއްސަ ފިޔަވަޅުތަކެއް އެޅުނު ކަމަށާއި، "އަހުލު"ގެ ނަމުގައި ފެށި ޕްރޮގްރާމްގެ ދަށުން، ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އާއިލާތަކަށް އެފުރުސަތު ހުޅުވާލައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އާމްދަނީ ހޯދުމަށް ގޭގައި ނުވަތަ ހޯމްބޭސްޑްކޮށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެގޮތަށް ކުރާ މަސައްކަތްތަކުގައި ލިޔެކިޔުން ގެންގުޅުން މަދުވެފައި، އިންކަމް ސަޕޯޓަށް އެދުމުގައި އެދެވޭ މިންވަރަށް ސަޕޯޓިން ޑޮކިއުމަންޓް ލުމަށް އަންހެނުންނަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެ ފަދަ ފަރާތްތަކަށް ރިއާޔަތްކޮށް، އިންކަމް ސަޕޯޓް ދިނުމުގައި ގެންގުޅޭ އުސޫލުގެ މިންގަނޑުތައް ލުއިކޮށް، އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރި ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް އެހީތެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދިން އެހީ ލިބުނު އަންހެނުން ފިރިހެނުންނަށްވުރެ މަދުކަމަށެވެ.

މީގެ އިތުރުންވެސް ވަޒީފާގެ ބާޒާރުގައި އަންހެނުން ޝާމިލްވާ މިންވަރު މަދުކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗަރ ސާރވޭ 2019" ގެ ތަފާސް ހިސާބުތަކުން މިނިސްޓަރ ދެއްކެވިއެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ 46 އިންސައްތައެވެ. މިއީ ރާއްޖޭގެ އެވްރެޖު މިންވަރު ކަމަށްވާ 60 އިންސައްތަ އަށްވުރެ ދަށް އަދަދެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ގޭގައި ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަމަށްވެސް ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން