ރައްޔިތުންގެ މަޖިލީހަށް މި ދުވަސްވަރު އެންމެ ގިނަ ސިޓީއާއި ޝަކުވާތައް ލިބެމުން އަންނަނީ "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކާ ގުޅޭ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މި ދުވަސްވަރު ވަރަށް ގިނަ ސިޓީ ލިބެމުންދާ ކަމަށާ އެންމެ ގިނަ އަދަދެއްގެ ސިޓީ ލިބެނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން ކަމަށެވެ. ދެން އެންމެ ގިނައިން ލިބޭ އެއް ބާވަތަކީ ޖަލުތަކުގައި ތިބި ގައިދީންގެ ފަރާތުން މައާފު ކުރުމާއި އަދަބު ލުއިކޮށްދިނުމާ ގުޅޭ ގޮތުން ލިބޭ ސިޓީ ކަމަށާ، އެ ކަމުގެ ފުން ދިރާސާއެއް ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ކުށުގެ ތުހުމަތުގައާއި އެކި އެކި ހުކުމްތަކުގައި ތިބި ހުރިހާ ފަރާތެއް ހޯދައި އެމީހުންގެ ކުށަކީ ކޮބައިތޯއާއި ހުކުމަކީ ކޮބައިތޯ ބަލައި އޭގެ ތެރެއިން ހުކުމް ލުއިކޮށްދޭނީ ކޮންބައްގެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ އަންގަވައިފައެވެ.

"ޖުޑިޝަރީ ކޮމިޓީއިން ހިންގަން ޖެހޭ އެއް މަސައްކަތަކީ ޖަލުގައި ތިބި އެންމެން ހޯދައި އެ އެންމެންގެ ކުށަކީ ކޮބައިތޯ އާއި ވަނަވަރަކީ ކޮބައިތޯ އަދަބު ލުއިކޮށްދެވެން އެބަ އޮތްތޯ؟ ޖުޑިޝަރީ ކޮމިޓީއިން އެންމެ ފުން މިނަށް ދާންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން، ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ގޯހުން ކަމަށް ބުނެ، އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައިގެ ބަހުސް މަޖިލީހުގައި މިހާރު ކުރިއަށް އެބަދެއެވެ.

ފްލެޓްތަކާ ގުޅޭ ޝަކުވާގެ ސިޓީ މަޖިލީހަށް ލިބޭ ވާހަކަ ރައީސް ނަޝީދު ވިދާޅުވިއިރު ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކޮށްފައިވާ ގޮތާއިމެދު އާންމުންގެ އެތައް ޝަކުވާތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަމާ ސުވާލު ކުރަން ކޮމިޓީއަށް ހައުސިންގ މިނިސްޓަރު އަސްލަމްގެ އިތުރުން ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ހާޒިރު ކޮށްފަ އެވެ. ނަމަވެސް ގިނަ ބަޔަކު ސިފަކޮށްފައި ވަނީ މިއީ ސިޔާސީ ގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށްވާތީ މި ބައްދަލުވުމުން އެކަށީގެންވާ ތެދު މައުލޫމާތު ތަކެއް ލިބިފައި ނުވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓުތަކުގައި، އެއް ކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށް ބުނެ މި ސަރުކަާރުންވަނީ އެކެޓަގަރީގެ ފްލެޓްތައް ބާތިލްކޮށްފައެވެ.

ނިމިގެން ދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނައުމުން 280 ފްލެޓް ގެއްލިގެން ދިޔަކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފައެވެ. އަދި މައްސަލަ ހޫނުވެގެން ދިޔައީ ކުރިން ފްލެޓް ދޫކޮށްފައިވާ ގޮތަށް ބަދަލުތައް ގެނައުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު