ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ޔޫއެންއޯޑީސީގެ އިސްފަރާތްތަކާއެކު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޝްވަރާކުރަށްވައިފިއެވެ.

ޔޫއެންއޯޑީސީގެ އިސްފަރާތްތަކާއެކު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައްދަލުކުރައްވައި، މިމަޝްވަރާތައް ބާއްވާފައިވަނީ ޖަޕާނުގައި ކުރިއަށްދާ އދ.ގެ ކްރައިމް ޕްރިވެންޝަނާއި ކްރައިމް ޖަސްޓިސްއާ ގުޅޭ 14 ވަނަ ކޮންގްރެސްގެ ހަވާސާގައެވެ.

ކޮންގްރެސްގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހޯމް މިނިސްޓަރ ހުންނެވިއިރު، އިމްރާން ވަނީ ޔޫއެންއޯޑީސީގެ އެގްޒެކެޓިވް ޑިރެކްޓަރ ގާދާ ވާލީއާ ބައްދަލުކުރައްވައި ކުށް މަދުކުރުމާއި، ޖިނާޢީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



މިބައްދަލުވުމުގައި މަޝްވަރާކުރެވުނު އެހެން ކަންކަމުގެ ތެރޭގައި، ޔޫއެންއޯޑީސީ ގުޅިގެން ކުރިއަށްގެންދާ ޖަލުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

ޖަޕާނުގެ ކިޔޯޓޯގައި މިމަހުގެ 7 އިން 12އަށް ކުރިއަށްދާ ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސްގައި ބައިވެރިވުމަށް ހޯމް މިނިސްޓަރ އިމްރާން ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވަޒީރު ވަނީ ޖަޕާނުގެ ޖަސްޓިސް މިނިސްޓަރ ޔޯކޯ ކަމިކަވްންއާވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ އިމްރާންގެ މިދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓްރީގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު