މާލޭގައި ބޯހިޔާވަހިކަން ދޭނެ މީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސީޓީކައުންސިލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.،

އީވާ މިހެން ވިދާޅުވީ، ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން، ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ގޯހުން ކަމަށް ބުނެ، އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އީވާ ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަން ދޭނެ މީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސީޓީކައުންސިލަށް ކަމަށާ ވަކިވަކި ކުންފުނިތަކާއި އޮފީސްތަކުން ބޯހިޔާވަހިކަން ދޫކުރަން ދީގެން ނުވާނެ ކަމަށެވެ.

"ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން އަންނަން ޖެހޭނީ މައިގަނޑު އެއް ސިޔާސަތެއްގެ، އެއް ލިސްޓެއްގެ، އެއް ޕްލޭނެއްގެ، އެއް ޕްރޮގްރާމެއްގެ ތެރެއިންނޭ ލިބެން ޖެހޭނީ. އެ މީހަކު މަސައްކަތްކުރާ ތަނެއްގެ ސަބަބުން އެ މީހަކަށް ވަކިން ބޯހިޔާވަހިކަން ދޭން ޖެހިގެނެއް ނުވާނެ." އީވާ ވިދާޅުވި އެވެ.

އަދި މާލެ ކަހަަލަ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ތަނެއްގައި ފްލެޓް ދޭންވާނީ އެންމެ ހައްގު މީހުންނަށް ކަަމަށް ވެސް އީވާ ވިދާޅުވިއެވެ.

މިމައްސަލައިގެ ބަހުސްގައި ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ސްޓެލްކޯ އަކީ ވަރަށް ގިނަ އަދަދަކަށް ދައުލަތުން ސަބްސިޑީ ދީގެން ހިންގާ ކުންފުންޏެއް ކަމަށެވެ. އަދި އެ ފައިސާ އިކުއިޓީގެ ގޮތުގައި ބަހައްޓަައިގެން އިތުރަށް އަނެއްކާ ދައުލަތުން ގެރެންޓީ ދީގެން ލޯނެއް ނަގައިގެން ހައުސިންގް ޕްރޮގްރާމެއް ހިންގީ ކީއްކުރަންތޯ އަލީ ނިޔާޒް ސުވާލުކުރެއްވި އެވެެ.

ރައީސް ޔާމިން ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް ހުޅުމާލެއިން ބިން ދީގެން އެކުންފުނިތަކުން ފްލެޓް ތަރައްގީކޮށް އެތަންތަނުގައި ތިބި ބޯހިޔާވަހިކަން ނެތް މުވައްޒަފުންނަށް ވަކި އުސޫލެއްގެ ދަށުން ފްލެޓް ދޫކުރުމަށް ހިންގި ޕްރޮގްރާމްގެ ދަށުން ގިނަ ބަޔަކަށް ވަނީ ބޯހިޔާވަހިކަން ތަނަވަން ވެގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-7

ޑިމޮކަރަސީ

13-Mar-2021

އަމިއްލަ ބޯހިޔާވަހިކަމެއް ނެއްކޮންމެ ދިވެއްސަކަށް އޭމީހަކު ބޭނުންވާ ތަނަކުން ބޯހިޔާވަިކަން ލިބެނޖެހޭ އެކަމު މާލެ ހިމެނޭ ސަރަހައްދުން އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުދޭނެ އެއީ ކުޢްޔަށްދީގެން ބޮޑެތި އާމްދަނީ ހޯދުމުންގެންދާ ބިންވެރިންނާ ރިއަލްސްޓޭޓަރުން އެކަން ކުރިޔަކަނުދޭނެ އެކަން ފެންނަމުންދާނެ އެފަދަ ބޭފުޅުންގެ ވާހަކައިންނާ ޢަމަލުން އިންތިޚާބެއް ބޯމަތިވީމަ ގެދޮރުނެއް އެންމެންނަށް ކަޑަޖަހާދޭނެ އިންތިޚާބުނިމި ވިންވީމަ އެވާހަކަތައް ހޮޅިވެ ގުބޯހައްދާފަ ދޫކޮށްލާނެ މިއީ މިޤަވްމުގެ ފަލްސަފާ މީމިޤަވްމުގެ ރައްޔިތުންތާ އަބަދައް އުޅެންއޮތްގޮތް ފޮނިބައިސާތަކާއެކު ދާއކާ ހުވަފެނީ ދުނިޔެއެއްގާ ތިބެ ނިމެދިއުން