ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އުސޫލެއް ނެތި މަޖިލީހަށް ސަލާމް ބުނާ މައްސަލަ އެމްޑީޕީން ހައްލު ނުކުރާނެކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ މަޖިލިސް މެމްބަރުންނަށްވެސް މެޑިކަލްް ސެޓްފިކެޓް ހުށަނާޅައި އަހަރަކު 15 ސަލާމް ބުނެވޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އެމްޑީޕީން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މިމައްސަލައަށް އިޝާރާތްކުރައްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލާމުގައި ހުރެވޭނީ ވަކި ދުވަހަކަށްކަމަށް ކަނޑައެޅުމުގެ ބާރުވެސް އޮތީ މަޖިލީހަށްކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީން އެކަން ނުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުން މީގެކުރީ މަޖިލިސްތަކުގައިވެސް މަޖިލީހަށް ހާޒިރުނުވެ ގިނަ ދުވަސްތަކެއް ވަންދެން އުޅުނުކަން ސައީދު ފާހަގަކުރެއްވިއެވެ.

"18 ވަނަ މަޖިލިސް ހިނގަމުންދިޔައިރު އެމްޑީޕީގެ ލީޑަރޝިޕްގެ އެންގެވުމަށް އޭރުގެ މެމްބަރުން ވަނީ ގިނަ ދުވަސްތަކަކަށް މަޖިލިސްއަށް ހާޒިރުނުވެ." ސައީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ހުއްދައާއެކު، ސަލާމާއި ޗުއްޓީގައި މެމްބަރުންނަށް ތިބެވޭނެއެވެ. އަދި ސަލާމް ނުބުނެ އެ މަހެއްގެ ތެރޭގައި ބާއްވާ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ، އެ މެމްބަރެއްގެ މުސާރައިގެ 50 ޕަސެންޓަށްވާ މިންވަރު ކެނޑޭނެއެވެ. ނަމަވެސް ސަލާމުގައި ތިއްބެވުމުން މުސާރައިން އުންޏެއް ނުވާނެއެވެ.

މަޖިލީހުގެ ބައެއް މެމްބަރުން އެއްވެސް ސަބަބެއް ބަޔާންނުކޮށް ސަލާމް ބުނަމުންދާ މައްސަލަ އިތުރުވެފައިވާއިރު، އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އެބޭފުޅުންނަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން