ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީއަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ، މުހައްމަދު މަލީހު ޖަމާލު ހާޒިރުކުރަން އެކޮމިޓީން ނިންމައިފިއެވެ.

މަލީހު ހާޒިރުކުރަން ކޮމިޓީން ނިންމީ، އޭނާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ ބެއްލެވުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. މަލީހުގެ މައްސަލަ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް މަޖިލީހުގެ ރައީސް ހުށަހެޅީ މަޖިލީހާއި ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކަވައި، މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާތީކަމަށް ބުނެއެވެ.



މަލީހު ހާޒިރުކުރަން ކޮމިޓީން ނިންމުމާއި ގުޅިގެން، މަލީހު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މަޖިލީހުން އަމަލުކުރައްވަނީ ޤާނޫނުއަސާސީއާ ހިލާފަށްކަމަށާއި، މަޖިލީހުގައި ދައްކާ ވާހަކައަކަށް ފިޔަވަޅެއް ނޭޅޭނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެކަން ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ ހ އިން ސާފުކޮށް އެނގެން އޮތްކަން މަލީހު ފާހަގަކުރެއްވިއެވެ.



މަލީހު ހާޒިރުކުރަން ކޮމިޓީން ނިންމާފައިވާއިރު، މިމަހުގެ 1 ވަނަ ދުވަހު އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އޭނާ ވަނީ މިނިސްޓަރުކަމުން ދުރުކޮށްފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދިޔައިރު މަލީހުގެ ކިބައިން ފެނުނު ހިތްވަރާއި ޖޯޝާއި ފޯރިއަށް ގިނަ ބަޔަކު ތައުރީފްކުރަމުންދާއިރު، މަޖިލިސް ރައީސްގެ އަމަލުފުޅުތައް ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



މަލީހުގެ މަޤާމުން ވަކިކުރިއިރު މެމްބަރުން ފުރަތަމަ ވިދާޅުވަމުން ގެންދެވީ މަލީހުގެ އޮތުބާރު ގެއްލުނީ ބައެއް ޤަވާއިދުތައް ނުހެދި ހުރުމުން ކަމަށެވެ. ނަމަވެސް ނުހަދާކަމަށް ބުނާ ޤަވާއިދުތައް ހަދާފައިހުރިކަން އެނގުނު ހިސާބުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، މަލީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަނީ އިތުބާރު ނެތުމުންކަމަށާއި، އެނޫން ސަބަބެއް އޮވެގެން ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން