ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފާވާއިރު ބޮޑެތި ސިޔާސީ ޕާޓީތަކުން އަންހެން ކެނޑިޑޭޓުން ހޮވައި ކުރިއެރުވުމަށްޓަކާ ކުރަނީ ކޮންކަމެއްތޯ ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒިީރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ދުންޔާ ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ނަމަވެސް ސިޔާސީ އިސް މަގާމުތަކުގައި އަންހެނުން ވަރަށް މަދު ކަމަށެވެ.

"ސިޔާސީ ޕާޓީތަކާއި ކެންޕޭންތަކުގައި އަންހެނުން ކިތަންމެ އުޅުނަސް، ސިޔާސީ އިސް މަޤާމުތަކުގައި އަންހެނުން ވަރަށް މަދު. ލޯކަލް ކައުންސިލް އިންތިހާބު މިހާ ގާތްވެފައިވާއިރު އަހާލަންޖެހޭ ސުވާލަކީ، ބޮޑެތި ސިޔާސީ ޕާޓީތަކުން އަންހެން ކެނޑިޑޭޓުން ހޮވާ، ކުރިއެރުވުމަށްޓަކާ ކުރަނީ ކީއްބާ؟" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ މިހެން ވިދާޅުިވިއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.



އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަރުކާރުން އިސްނަގައިގެން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު އަންހެނުންނަށް ހޯދައިދީފައިވާ އިތުރު ފުރުޞަތުތައް ފާހަގަކުރެއްވި އެވެ. އަދި އެ އިޞްލާޙުތަކާއެކު، ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމަށާ ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މަޤާމުތަކެއް ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމުގައެވެ.

މީގެއިތުރުން، އަންހެނުންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމާއެކު، އިޤްތިޞާދީ ދާއިރާއިން އަންހެނުންނަށް ކުރިއަރައި ދިއުމަށް، މިންތީގެ ގޯނާތައް ފަދަ، އެކަށޭނަ ނޫން ޢަމަލުތަކުން އަންހެނުން ސަލާމަތްކޮށް، އެ ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން