ކޮވިޑް-19 އާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ސާމާނު ހޯދުމަށް ސަރުކާރުން 650 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި "ކޮވިޑް-19 ވީކްލީ ސްޓެޓިސްޓިކްސް" އިން ދައްކާގޮތުން ކޮވިޑް-19 އާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ސާމާނަށް ސަރުކާރުން ވަނީ 653.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ކޮވިޑް 19 އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ކެޕިޓަލް އިކުއިޕްމެންޓަށް 201 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޮޕަރޭޝަނަލް ސަރވިސަސްއަށް 187.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްގެ ގޮތުގައި ހޭދަކޮށްފައި ވަނީ 123 މިލިއަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 94 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 102.5 މިލިއަން ރުފިޔާއެވެ.



ކޮވިޑް-19 އާ ގުޅިގެން ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން 1,502.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ހަރަދުކޮށްފައި ވަނީ 1,565.3 މިލިއަން ރުފިޔާއެވެ.



ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 585.9 މިލިއަން ރުފިޔާއާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 355.4 މިލިއަން ރުފިޔާއެވެ.



ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް (އެންޑީއެމްއޭ) މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އެންޑީއެމްއޭ އިން ވަނީ ކޮވިޑާއި ގުޅިގެން 867.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދު މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާއިރު، އެމިނިސްޓްރީން ވަނީ 373.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 93.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ވަނީ 37.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީން ހަރަދުކޮށްފައި ވަނީ ހަތަރު މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފުން 43.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި، ފުލުހުންގެ އިދާރާއިން 31.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް ފިނޭންސުން ބުނެއެވެ.



ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 29 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19ގެ ކޭސް އެއް ރާއްޖެއިން ފެނުނުތާ އެއް އަހަރު ދުވަސްވެފައިވާ އިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް، އެންމެ އެކަށޭނަ ފަރުވާދިނުމަށް ސަރުކާރުން ވަނީ ގިނަ ހަރަދުތަކެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން