ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ހިޔާ ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ހާޒިރުކޮށް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. މެމްބަރުންގެ ސުވާލުތަކަށް އަސްލަމް ދެއްވި ޖަވާބުތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ ބާރެއް ނެތްކަމަށެވެ. ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ، 2018 ޑިސެމްބަރު 11 ވަނަ ދުވަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އުފެއްދުމާއި ގުޅޭ ބަޔާނުގައި އެފަދަ މަސްއޫލިއްޔަތެއް އެކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައި ނެތުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުންކަމަށެވެ.

"3 ކަމެއް އެކޮމިޓީން ކުރަން އެބައޮތް، ކޮމިޓީ ހަދާފައި މިވަނީ 11 ޑިސެމްބަރު 2018 ގައި. ކޮމިޓީގެ މަސްޢޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން. މިކޮމިޓީ ހެދުމަށްފަހު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، އެނގިވަޑައިގަންނަވާނެ 2019 ވަނަ އަހަރު، 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި، އަދި ސަރުކާރުގެ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ، އަދި އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތީ، އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވުމުންވެސް މިނިސްޓަރ އަސްލަމްގެ ވާހަކައިގައި ފްލެޓް ކޮމިޓީގެ ވާހަކަ އަނެއްކާވެސް ދައްކަވަން ފެށްޓެވެމުން ރައީސް ނަޝީދު ވަނީ "ފްލެޓް ލިބޭނެ ފަރާތްތައް ފްލެޓް ކޮމިޓީއަށް ކަނޑަނޭޅޭނެ" ކަމަށް ވަރަށް ސާފު ބަހުން އެގެން އޮތްކަން ތަކުރާރުކޮށް ހަނދާން ކޮށްދެއްވާފައެވެ.

"ފްލެޓް ކޮމިޓީގެ މަސްއޫލިއްޔަތެއް ނޫން ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުން. އެއީ އިއްޒަތްތެރި ވަޒީރުގެ މަސްއޫލިއްޔަތެއް، ފްލެޓް ކޮމިޓީގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން. ފްލެޓް ކޮމިޓީއަށް ދާއިމީ ލިސްޓެއް ނުނެރުއްވޭނެ. ފްލެޓް ކޮމިޓީއަށް ކަނޑައެއް ނޭޅޭނެ. އެކޮމިޓީ އުފައްދަވަމުން ނެރެފައިވާ ބަޔާނުގައި މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ވަނީ ކިޔައިދީފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ދިން ގޮތާއިމެދު ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހަށް އެކަމާއި ގުޅޭ ޝަކުވާތައް ހުށަހެޅުމުން އަންނަކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތައް ދިން ގޮތުގެ ޝަކުވާ ބަލަން އުފެއްދި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މަސްއޫލިއްޔަތަކުގެ ތެރޭގައި ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން ފްލެޓްތައް ދޫކޮށްފައި ވަނީ އުސޫލުން ބޭރުންކަމަށްބުނެ، ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް އެކަންކަމާއި މެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން ހިމެނެއެވެ. އަދި ހިޔާ މަޝްރޫޢުން ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓްތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ އުސޫލާއި އެއްގޮތަށްތޯ ބަލައި، ކަށަވަރުކުރުމާއި ފްލެޓްތައް ދިނުމުގައި އުސޫލުން ބޭރުން ކަންކަންކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި އެފަރާތްތަކާއި މެދު އަމަލުކުރާނެ ގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަކީވެސް ކޮމިޓީގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫޢު އަދި ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށްގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީވެސް އެކޮމިޓީންނެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ާައަހުމަދު

11-Mar-2021

ކޮބައިތޯ ޓީޗަރުންގެ ފުލެޓް


-1

ާައަހުމަދު

13-Mar-2021

ކޮބައިތޯ ޓީޗަރުންގެ ފުލެޓް



ޓްރެންޑިން