ކުރިއަށް ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލާނީ، މީހާގެ ވަޒީފާ އަށާއި ކުރާމަސައްކަތާ، އަދި އުމުރަށް ބަލައިގެން ނޫން ކަމަށާއި ދެން ހުޅުވަލާނީ ހަމައެކަނި ހާލަތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި 20،000 އަށްވުރެ ގިނަ ރައްޔިތުން ތިބި ކަން ފާހަގަ ކުރައްވައި، އެމީހުންނަށް އެކަން ކޮށްދެވޭނެ ޕްލޭނަކީ ކޮބައިތޯ އަސްލަމާ ސުވާލު ކުރައްވައިފައެވެ.

"މި މަޝްރޫއުތަކުގެ ޖުމުލަ އަދަދަކީ 15،222 ހައުސިން ޔުނިޓް. މި އަހަރުގެ ތެރޭގައި 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ވާނީ ވިދާޅުވެފަ. އެއީ އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމާޒު." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކާއި ފްލެޓް ލިބުނު ފަރާތްތަކާއި ފްލެޓް ނުލިބޭ ފަރާތްތަކުގެ ތަފާސްހިސާބުތަކެއް ވެސް މިއަދު ހިއްސާ ކުރަށްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ ރަށްވެހިންގެ ތެރެއިން ފްލެޓްތަކަށް ކުރިމަތީ 9614 މީހުންނެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 3984 މީހުންނަށެވެ. އަދި މާލޭ މީހުންގެ ތެރެއިން ފްލެޓް ނުލިބޭ 5630 މީހުން ތިބި ކަމަށް އަސްލަމް ވިދާޅުވިއެވެ. ބާކީ 11000 ވަރަކަށް މީހުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އައިސް ދިރިއުޅޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އިތުރު ބިމެއްގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅުއްވާ ކަމަށާއި، ނަމަވެސް އެކަން އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެސް މިނިސްޓަރ މުހައްމަދު އަސްލަމް މިއަދުގެ މަޖިލީހުގައި ވިދާޅުވިއެވެ. ނަމަވެސް އެނގިހުރި މިންވަރަކުން އެމައުލޫމާތު ހާމަ ކުރަށްވަން ޖެހޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ސަރުކާރުން އެކަން ކުރަން ވިސްނާފައި އޮތް ގޮތް މިއަދު އާންމު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން