25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ބާޣީ އަބްދުﷲ ލުތުފީ ޖަލުން ފިލި މައްސަލައިގައި އޭނާއަށް 7 މަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުުނު ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ފިލާފައިވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ރާއްޖެއަށް ބޭރަށް ފޮނުވާލުމުންނެވެ. ބޭރުގައި ފިލައިގެން އުޅެނިކޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އަދި ފިލި މައްސަލައިގައި އޭނާގެ މައްޗަށް މިދިޔަ ޖޫންމަހު ވަނީ ދައުވާ އުފުލާފައެވެ. ކޮޅުނބުގައި ފިލައިގެން އުޅެނިކޮށް މިސަރުކާރުން އޭނާ ގެނައީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ހިމާޔަތު އުޅެނިކޮށް އެކަން މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިޢުތިރާފު ވެފައިވާއިރު، ވީހާވެސް އަވަހަށް ހުކުމްކޮށްދިނުމަށާއި، ވީއެންމެ ކުޑަ ޙުކުމެއް ކުރުމަށް ޝަރީޢަތުގައި އޭނާ ވަނީ މީގެކުރިން އެދިފައެވެ.

މިމައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ލުތުފީގެ މައްޗަށް ވަނީ ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ.

އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރާ ދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން