އެސްޑީއެފްސީ ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހަށް އިތުރުކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކޯވިޑްއާ ގުޅިގެން އެސްޑީއެފްސީން ދޫކުރި ލޯންތައް ދެއްކުމަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމުގެ ގޮތުން އިތުރު 6 މަސް ދުވަހަށް ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ގްރޭސް ޕީރިއަޑް އިތުރު ކުރާއިރު، ލޯނު އެޕްލިކޭޝަން އިވެލުއޭޓް ކުރުމަށް އެސްޑީއެފްސީން ގެންގުޅުނު އުސޫލަށް ބެލޭނެކަމަށެވެ. އަދި އިއުލާން ކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެސްޑީއެފްސީން އަންގާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނެ އުސޫލުވެސް ހާމަކޮށްފައެވެ. އޭގެތެރޭގައި މިހާތަނަށް ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކަށް މާރިޗުން ފެށިގެން 6 މަސްދުވަސް އިތުރުކޮށްދޭނެއެވެ. އަދި ގްރޭސް ޕީރިއަޑްގެ މުއްދަތު ހިނގަމުންދާ ލޯނުތަކަށް މުއްދަތު ހަމަވާތާ 6 މަސް ދުވަސް އިތުރުކޮށްދެވޭނެކަމަށާއި މިވަގުތު ދޫނުކުރެވި ހުރި ލޯނުތަކަށް 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއޭޑެއް ލިބޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސްއިން ބުނީ އޯވާ ޑިއުވެފައި ހުރި ލޯންތައް ތިބި ފަރާތްތަކުން އިތުރު ކުރާނަމަ، ގްރޭސް ޕީރިއަޑަށް ބަހާލައިގެން ނުވަތަ އެއްފަހަރާ އޯވާޑިއު އެމައުންޓު ދެއްކުމުގެ އިޙްތިޔާރު އޮންނާނެކަމަށެވެ. މީގެ އިތުރުން 5000 ރުފިޔާއަށް ވުރެ ދަށް މުސާރައެއް މުވައްޒަފަކަށް ދީފައިވާ ވިޔަފާރިތަކަށާއި، އަދި ލޯނު ލާރި ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކި ކޮށްފައިވާނަމަ، ގްރޭސް ޕީރިއަޑް އިތުރުކޮށް ނުދޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އެސްޑީއެފްސީގެ ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް ދެހާހަށްވުރެ ގިނަ ފަރާތަކަށް 381 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން