އައި.ޓީ.ބީ ބަރލިން ފެއަރގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު އެއް ފެއާރކަމަށްވާ، އައިޓީބީ ބަރލިން ފެއަރ ކުރިއަށްދާނީ މިމަހުގެ 9 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަތަރު ދުވަހުގެ މި އިވެންޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި މިފެއާގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ދިވެހިރާއްޖެ މަޤްބޫލު އަދި ރައްކާތެރި ފަތުރުވެރިމަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެން ދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 15 ކުންފުންޏަކުން 27 ފަރާތަކުން މިފެއާގައި ބައިވެރިވެފައެވެ. މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސްއިން ލައިވް ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރެސް ކޮންފަރެންސްގައި ދިވެހިރާއްޖެ ޤުދުރަތީގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައި އޮތުމަކީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެވާ ސަބަބު ކަމުގައި ބުނެދީ، ދިވެހިރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެއެވެ.

ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް އައި.ޓީ.ބީ ބާރލިންގައި ބައިވެރިވާކަން ހިއްސާކުރުމަށްޓަކައި ފެއާރ ފެށުމުގެ އެއް ހަފްތާ ކުރިން މިކަމަށް ހާއްސަ އިސްތިހާރުތަކެއް އައި.ޑީ.ބީގެ ވެބްސައިޓްގަ އާއި ސޯޝަލް މީޑިއާގައި ދައްކާލާފައެވެ. މީގެ އިތުރުން އައި.ޓީ.ބީގެ ވެބްސައިޓުގެ ހަބަރުތަކުގެ ތެރެއިން ދިވެހިރާއްޖެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ރަސްމީ ޕާރޓްނަރުންއާއި ސްޕޮންސަރސް ލިސްޓުގައި ހިމަނައިފާވެއެވެ.

މިދިޔަ އަހަރު 555494 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 190000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖެ އިޝްތިހާކުރަމުން އައި ގޮތް ބަދަލުކޮށް، ވިޒިޓް މޯލްޑިވްސްއިން ވަނީ އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ. އަދި 2021 ވަނަ އަހަރަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ދުނިޔޭގެ އެކި މާކެޓުތަކަށް ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށްޓަކާއި އިތުރު ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި ފެމިލިއަރައިޒޭޝަން ޓްރިޕްސް، ޑިޖިޓަލް މީޑިއާ ކެމްޕޭން އަދި ވިޒިބިލިޓީ ކެމްޕޭންތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން