ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ރަސްމީ ދަތުރު ފުޅެއްގައި ޤަތަރަށާއި ބަންގްލަދޭޝްއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާލުވެފައިވާގޮތުންނަމަ، ރައީސްގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ޤަތަރަށެވެ. މިގޮތުން މިމަހު 14 ވަނަ ދުވަހު ރައީސް ޤަތަރަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މިދަތުރުފުޅަކީ ރާއްޖެއާއި ޤަތަރާއި ދެމެދު، ސިޔާސީ ގުޅުން އަލުން ގާއިމު ކުރުން ފާހަގަ ކުރުމަށް ވަޑައިގަންނަވާ ރަސްމީ ދަތުރުފުޅެކެވެ. ދިވެހިރާއްޖެއިން ޤަތަރާއި އެކު ޚާރިޖީ ގުޅުންތައް އަލުން ގާއިމްކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

ރާއްޖެއާއި ޤަތަރާއި ދެމެދު، ސިޔާސީ ގުޅުން އެންމެ ފުރަތަމަ ގާއިމުކޮށްފައިވަނީ 1984ވަނަ އަހަރުގެ މޭމަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖެއާއި ޤަތަރާއި ދެމެދު، ސިޔާސީ ގުޅުން ކަނޑާލައިފައިވަނީ 2017 ވަނަ އަހަރު ޖޫން މަހުއެވެ. މިފަދަ ނިންމުމެއް އޭރުގެ ދިވެހި ސަރުކާރުން ނިންމާފައިވަނީ، ޤަތަރުގައި ދީނީ ގޮތުން ހަރުކަށިވެ ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ ޤަބޫލުކުރުންތަކާއި ގުޅިގެންނެވެ.

ރާއްޖެއިން ޤަތަރާއިއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމިއިރު، ކުރިން ޤަތަރާއި ގުޅުން ކަނޑާލަން ނިންމި އަރަބި ގައުމުތަކުންވެސް ވަނީ ޤަތަރާއިއެކު އަލުން ސިޔާސީގޮތުން ގުޅުން ބަދަހި ކުރުމަށް މަސައްކަތްފަށާފައެވެ.

މިގޮތުން ސައުދީ އަރަބިއްޔާ އިސްވެއޮވެ، މެދު އިރުމަތީގެ އެހެން ގައުމުތަކުން ވަނީ ޤަތަރާ އެކު ސުލްހަވެ، ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

ރައީސް ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލުމަށްފަހު، މިމަހު 17 ވަނަ ދުވަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން