ވަޒީރު ކޮންމެ ދުވަހަކު ހެނދުނު ނުވައެއް ޖަހާއިރު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެއްގަޑިއިރުވެސް ލިބިވަޑައިގަންނަވާނެ ކަމަށާއި އެއީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ނާއިބްރައީސް އަލްހާން ފަހުމީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާ ވަޒީރަކު ކޮންމެ ދުވަހަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ކިޔަނީ ބަރުލަމާނީ ނިޒާމުކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމާއި ސުވާލު ކުރުމުގެ ވަގުތުގައި ވަޒީރު އަސްލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ސަބަބު ބަޔާން ކުރަށްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

"... ވަރަށް ބޮޑަށް އެދެން ކޮންމެ ދުވަހަކުވެސް އިއްޒަތްތެރި ވަޒީރު ހެނދުނު ނުވައެއް ޖަހާއިރު ވަޑައިގެން ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން. އެއްގަޑިއިރު އިންނަވާ ގޮތަށް ހަމަޖެއްސެވޭނެ. އެއަށް ކިޔަނީ ބަރުލަމާނީ ނިޒާމު." ބުދަ ދުވަހުގެ ޖަލްސާގައި ސަރުކާރު ހިނގަނީ ބަރުލަމާނީ ނިޒާމަށްކަން ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ. އަލްހާން ވަނީ މިވިޑިއޯ ކްލިޕް އޭނާގެ ޓްވީޓާއެކު ހިއްސާ ކުރަށްވާފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލްހާން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވަނީ ބޮޑުވަޒީރު ހެދިވަޑައިގެން ކަމަށެވެ.

"އެއަށް ކިޔަނީ ބަރުލަމާނީ ނިޒާމޯ؟ ބޮޑުވަޒީރު ހެދިވަޑައިގެން ގާނޫނު އަސާސީއާއި ޚިލާފަށް މަޖިލިސް ރިޔާސަތުން އަމަލު ކުރާނަމަ މަނިކުފާނުގެ އިތުބާރު ނެތްކަމަށް ނަގަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން ޖެހިދާނެ." އަލްހާން ވިދާޅުވެފައި ވެއެވެ.



ރައީސް ނަޝީދަކީ އަބަދުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރަށްވާ ރާއްޖޭގެ ވެރިކަން އެނިޒާމަށް ބަދަލުކުރެއްވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވާ ވެސް ބޭފުޅެކެވެ. އަދި އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެމަގަށް ގެންދަން މަސައްކަތް ކުރަށްވަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އޭދަފުށި މުހައްމަދު

13-Mar-2021

ކެނެރީގޭ ނަޝީދަކީ ރާއްޖޭގެ ވެރިކަމާހެދި އަބަދުވެސް މޮޔަވެފައި ހުންނަ މީހެއް ކަމަށް އަހަރެން ގަބޫލު ކުރަނީ.



ޓްރެންޑިން