ޤާނޫނުއަސާސީއާއި މުޅި ދައުލަތް ވަނީ ރަހީނުކޮށްފައިކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި، ކުރީގެ ނާއިބް ރައީސް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ގެއަށް ދޫކޮށްލާފައިވާ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި، ސައީދު ވިދާޅުވީ އެއީ ރައީސް ސާލިހު ވަރަށް ފާޅުގައި ހައްދަވާ އިތުރުފުޅެއްކަމަށެވެ. އަދި ރައީސް ޔާމީނަށް ދޭ އަނިޔާގެ ފަހަތުގައި ވަނީ ރައީސް ޞާލިހާއި ސަރުކާރު ކޮންޓްރޯލްކުރާ ބައިވެރިންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޤާނޫނުއަސާސީގެ ފޮޅުވަތަކުން އަކުރުތައް ވަކިވެފައިވީ ނަމަވެސް ޤާނޫނުއަސާސީއާއި މުޅި ދައުލަތް ވަނީ ހޮސްޓޭޖް ނުވަތަ ރަހީނުކޮށްފައި އޮތް ހާލަތެއްގައިކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ޖަލަށް ލާން ހުކުމްކުރި ފަރާތްތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި އޮންނަން ޖެހިވަޑައިގެންފައިވާ ސަބަބު ރައީސް ޞާލިހު އިއްޔެ ވަނީ ހާމަކުރަށްވާފައެވެ. ރައީސް ޞާލިޙު އިއްޔެ ވިދާޅުވީ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އެކަމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ކަމަށެވެ. އަދި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ޔާމީންގެ ފަރާތްޕުޅުން ލިބިވަޑައިގެންފައި ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި، އަދީބާއި ޒިޔަތު ގެއަށް ދޫކޮށްލާފައިވަނީ ސަރުކާރާއި އެފަރާތްތަކާއި ދެމެދު ހަދާފައިވާ ސިއްރު ޑީލްތަކެއްގެ ދަށުންނެވެ. އެދެމީހުން ވަނީ ދައުލަތުގެ ޕީޖީ ބޭނުންވާ ގޮތަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައުލޫމާތުތައް ހިއްސާކޮށް ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތައް ވެސް ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން