2020 ވަނަ އަހަރު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެކުންފުނީގެ ސަސްޓެއިނެބިލިޓީ ރިޕޯޓް 2020 އިން ދައްކައިފިއެވެ.

މިގޮތުން މުޖުތަމައުގެ ލާބައާއި މަންފާއަށް ރާއްޖޭގެ 100 އަށް ވުރެގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ބޭންކުން ހިންގި ޕްރޮޖެކްޓްތަކާއި ސްޕޮންސަރޝިޕްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

 

މިކަމާއިގުޅޭ ތަފްސީލު އާންމުކުރައްވައި ބީއެމްއެލްގެ ސަސްޓެއިނެބިލިޓީ ރިޕޯޓް 2020 އިއްޔެ ވަނީ ބޭންކުގެ ވެބްސަައިޓްގައި ޝާއިއުކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއެކުވެސް ބޭންކުން ވަނީ ސީއެސްއާރ ޕްރޮޖެކްޓްތައް ހިންގައި، އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިކަން މިރިޕޯޓުން އެނގިގެންދެއެވެ.

 

ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް ބޭންކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ފާއިތުވެދިޔަ އަހަރުވެސް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގާފައިވެއެވެ. މިގޮތުން ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރިއްޔާއިން ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތައް ބާރުވެރިކުރުމުގެ ގޮތުން ހިންގޭ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" މެދުވެރިކޮށް  އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް އިންވެސްޓްކުރެވުނުކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ. މިމަޝްރޫއުތަކުގެ ޒަރިއްޔާއިން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި، ޕާކު އަދި ޖިމް ހެދުން، ނޭޗަރ ޕާކް ތަރައްގީކުރުމާއި، ސޯލަރ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ބޭންކުން ބުނެފައިވެއެވެ.

 

މީގެއިތުރުން، ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރިއަށް ގެންދިޔަ މަސައްކަތައް އެހީތެރިކަން ފޯރިކޮށްދިނުމާއި ފެމަލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބޭއްވި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރިކޮށްދީފައިވާނެ ކަމަށް ބީއެމްއިން ބުނެފައިވެއެވެ. މިއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގުނު އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން ބައިވެރިވެފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

 

އަތޮޅު ތެރޭގައި ބޭންކިންގ ވިއުގަ ފުޅާކުރުމަށްޓަކައި މިދިޔަ އަހަރު ކުރެވުނު އިންވެސްޓްމެންގެ ތެރެއިން 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލުނެެގެސްފައިވެއެވެ. އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ މަގު ބޭންކުން ވަނީ ތަނަވަސްކޮށްދީފައެވެ. މީގެތެރެއިން 40 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށްދީފައިކަމަށް ބޭންކުން ބުނެފައިވެއެވެ.

 

ބޭންކުން ވަރަށް ހާއްސަކަމެއް ދީގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ ގޮތުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއަރ މިދިޔަ އަހަރު ހަދިޔާކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ބޭންކުން ވަނީ ހޭދަކޮށްފައެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިވެފައިވީ ނަމަވެސް ބޭންކުން މިއަހަރު ތެރޭގައިވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަަށް ބޭންކުން ހާމަކޮށްފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން