ރައްޔިތުން ކައިރިޔަށް ވޯޓް ހޯދަން ދާންވާނީ މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު މިނިސްޓަރުކަމުން ވަކިކުރުމަށްފަހުގައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އިޝާރާތްކުރައްވައެވެ. އެމައްސަލައިގައި ޖާބިރުވެސް ވަނީ ސޮއިކުރަށްވާފައެވެ.

ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން ޖާބިރު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންނަށް މަސްވެރިން ގާތަށް އެމްޑީޕީން ދާންވާނީ މިނިސްޓަރުކަމުން ޒަހާ ވަކިކުރުމަށްފަހު، އެމަޤާމަށް ވައުދުތައް ފުއްދޭވަރުގެ މިނިސްޓަރެއް އައްޔަންކުރުމަށްފަހުކަމަށެވެ. އަދި މިކަމުގައި ހުރިހާ މަސްވެރިންގެ އެއްބާރުލުން ބޭނުންވާކަމަށް ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ވަޢުދުތަކާއި އެމްޑީޕީގެ އެޖެންޑާ 19ގެ ވަޢުދު ތަކުގެ ތެރެއިން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ޒަހާ ވަހީދު ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ގެންދަވަނީ ވިދާޅު ވަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް ހަމައަގު ދިނުމާއި ބާނާ މަސްކޮޅު ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގައިވެސް ވަޒީރު ފެއިލްވެފައިވާ ކަމަށް ބުނެ ރާއްޖޭގެ މަސްވެރިން ވެސް އަންނަނީ އަޑުއުފުލައި މުޒާހަރާވެސް ކުރަމުންނެވެ.



ސަރުކާރު ކޯލިޝަންގެ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރު ޒަހާގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ގަރާރުގައިވަނީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާނުދޭ ކަމަށެވެ. އަދި މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް އެ ޤަރާރުގައިވެއެވެ.

ޒަހާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާއިރު، އެމްޑީޕީގެ ޕީޖީ ގްރޫޕުން މިކަމުގައި ވަކި އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުންގެ މެދުގައިވެސް ޒަހާއާމެދު ހިތްހަމަނުޖެހުން ހުރިކަން ދަނީ މީޑިއާއިން ހާމަވަމުންނެވެ.

އިދިކޮޅު ޕީޖީ ގްރޫޕްގެ ބޭފުޅަކު ރޭގައި "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ އެމްޑީޕީއަށް ވެސް ފައިދާ ތަކެއް ކުރާނެ ކަމެއް ކަމަށާއި ހަގީގަތުގައިވެސް އެމްޑީޕީން ވެސް މިކަން ކުރަން ބޭނުންވާ ކަމަށެވެ. އަދި ފެއިލްވެފައިވާ ވަޒީރަކު ބަހައްޓައިގެން ކަންކަން ފެއިލްވަމުން ދާއިރު އެމްޑީޕީންވެސް ބަލަހައޓައިގެން ތިބެން ބޭނުން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ މަސްވެރިންގެ ފައިދާއަށް ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ނޫހާއި މައުލޫމާތު ހިއްސާކުރެއްވި ފަރާތުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން