އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   11 މާރިޗު 2021 - 16:39
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަތީ "އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާނެއެވެ. ޝާހިދުގެ އިތުރުން މި ސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުން ބާއްވަނީ ޗެންނާއީގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވަނީ "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން