ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިންނަށް ކަރަންޓީންނުވެ ރަށްރަށަށް ދެވޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެކުލަވާލައިފިއެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ކަރަންޓީނުވެ ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ. އަދި 5 ދުވަހަށްވުރެ ގިނަ ދުވަހަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. މީގެ އިތުރުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނަ މީހުން ބައިވެރި ނުވެވޭނެއެވެ.

އުސޫލުގައިވާ އެހެން ކަންކަމުގެ ތެރޭގައި ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ދަތުރުކުރާ މީހުން ހުއްދަ ހޯދަންޖެހެއެވެ. އަދި ހުއްދައިގެ ދަށުން ރަށްރަށަށް ދެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރ ޓެސްޓެއް އޮވެގެނެވެ.

މިއުސޫލުގައިވާ ގޮތުން ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދެވޭނެއެވެ. އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި އިންތިހާބެއް ނަމަވެސް، ކޯވިޑާއި ގުޅިގެން އިންތިހާބު ލަސްކުރަންޖެހުނީއެވެ. އިންތިޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން