މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް.
ކޮވިޑު ޓެސްޓް ހަދައިގެން ކެމްޕޭނުކުރަން ރަށްރަށަށް ދެވޭކަމަށްވާނަމަ، ކޮވިޑު ޓެސްޓު ހަދައިގެން ރިސޯޓު މުވައްޒިފުންނަށް އާއިލާކައިރިއަށްވެސް ދެވެން ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިންނަށް ކަރަންޓީންނުވެ ރަށްރަށަށް ދެވޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެކުލަވާލައި އާންމުކޮށް އަމަލުކުރަން ފެށުމާގުޅިގެންނެވެ.

އެޗްޕީއޭގެ އާއުސޫލާއެކު ކަންބޮޑުވުން ފާޅުކުރައްވާ ޝަރީފް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު ޓެސްޓެއް ހަދައިގެން ކެމްޕޭނުކުރަން ރަށްރަށަށް ދެވޭގޮތަށް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ކޮވިޑު ޓެސްޓު ހަދައިގެން އެމީހުންގެ އާއިލާތައްކައިރިއަށް ދެވެން ވާނެކަމަށެވެ. މިގޮތުން ކެމްޕޭނު ކުރަން ރަށްރަށަށް ދިއުން ރަނގަޅުކަމަށް ފެންނަކަމަށްވަންޏާ، ހަމަމިފަދައިން އާއިލާކައިރިއަށް ދާން ބޭނުންވެފައި ތިބި ރިސޯޓު މުވައްޒަފުންނަށް އެފުުރުސަތު ހޯދައިދޭން މަސައްކަތްކުރުމަށްވެސް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

"ކެމްޕެއިނަށް ކޮވިޑު ޓެސްޓު ހަދައިގެން ރަށްރަށަށް މީހުން ދަތުރު (ކުރުން) އެންމެ ރަނގަޅުކަމަށް އެޗްޕީއޭއިން ނިންމެވިއިރު، ކޮވިޑް ޓެސްޓު ހަދައިގެން އާއިލާ ގާތަށްދާން ބޭނުންވާ ރިސޯޓު މުވައްޒަފުންނަށްވެސް އެފުރުސަތު ފަހިކޮށްދޭން ޖެހޭކަމަށް އަޅުގަނޑު ދެކެން. އެމަގަށް މަސައްކަތްކޮށްދިނުމަށް އެދޭ ވާހަކަ ދަންނަވަން." ޝަރީިފް ވިދާޅުވިއެވެ.



އެޗްޕީއޭއިން ކަނޑައަޅާފައިވާ އާއުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ކަރަންޓީނުވެ ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ. އަދި 5 ދުވަހަށްވުރެ ގިނަ ދުވަހަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. އަދި މިގޮތަށް ކެމްޕޭނުކުރުމަށް ރަށްރަށަށް ދެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރ ޓެސްޓެއް އޮވެގެންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ނަމަވެސް މިއުސޫލުގައިވާ ގޮތުން ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ނުވަތަ ދޮރުން ދޮރަށް ނުހިނގޭނެއެވެ. އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި އިންތިހާބެއް ނަމަވެސް، ކޯވިޑާއި ގުޅިގެން އިންތިހާބު ލަސްކުރަންޖެހުނީއެވެ. އިންތިޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން