ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާކަމަށް ބުނެ ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް އިއްޔެ އެމްޑީޕީން މީހުން އެއްކޮށްގެން އެއްވުމެއް ބޭއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހުއްދަ ދީގެންކަން ހާމަވެއްޖެއެވެ.

ފަސް މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅުމަށް އެޗްޕީއޭއިން އާއްމު ރައްޔިތުންނަށް އެންގުމަށްފަހު، އެމްޑީޕީން ހުޅުމާލޭގައި ޖަގަހައެއް ހުޅުވުމަށް ޖަލްސާއެއް ބޭއްވުމަށް ވަނީ ހުއްދަދީފައެވެ. މިއީ އެޗްޕީއޭއިން ހުއްދަ ދީގެން ބޭއްވި ހަރަކާތެއްކަން އެނގުނީ މިހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ރައީސް ޞާލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެކަން ސޯޝަލް މީޑިއާގައި ހާމަކުރެއްވުމުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތައް ބޭއްވުމަށް ހުރަސް އެޅުމަށްފަހު، ގައިދުރުކަމެއް ނެތި ހުޅުމާލޭގައި އެމްޑީޕީން ސިޔާސީ ހަރަކާތެއް ބޭއްވުމުން، އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަން ފެށުމުން އަލީ ނިޔާޒް ވަނީ އެއީ އެޗްޕީއޭއިން ހުއްދަ ދީގެން ބޭއްވި އެއްވުމެއްކަމަށް ބުނެ، އެ ހުއްދަ އާއްމުކޮށްފައެވެ. ނަމަވެސް އަލީ ނިޔާޒު މި ހުއްދަ އާންމު ކުރުމާއެކު އާންމުންގެ ފާޑުކިއުން އިތުރުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ.



އަލީ ނިޔާޒު އާއްމު ކުރެއްވި އެޗްޕީއޭގެ ހުއްދައިގައިވާ ގޮތުން ސިޔާސީ ހަރަކާތް ބާއްވާ ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުމާއި، 3 ފޫޓްގެ ގައިދުރުކަމާއި، އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ޝަރުތުކޮށްފައިވެއެވެ.

ނަމަވެސް އެމްޑީޕީން ބޭއްވި އެއްވުމުގެ ފޮޓޯތައް ބަލާލުމުން އެޗްޕީއޭގެ މިންގަނޑަށް ކުޑަކޮށްވެސް އިޚްތިރާމްކޮށްފައެއް ނެތެވެ. މާސްކެއް ނާޅައެވެ. ގައިދުރުކަމެއް ނެތެވެ.

އެމްޑީޕީން ބޭއްވި ހަރަކާތާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭއާއި އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.



ބައެއް މީހުން ބުނީ އެޗްޕީއޭއިން ސިޔާސީ ހަރަކާތް ބާއްވަން ހުއްދަދެނީ ވަކި ބަޔަކަށްކަމަށާއި އެއީ އިންސާފެއް ނޫންކަމަށެވެ. އަދި އެޗްޕީއޭއިން ހުއްދަ ދީގެން ބޭއްވި ހަރަކާތެއް އުސޫލުތަކާއި ޚިލާފަށް ބޭއްވުމުން އެކަމަށް ފިޔަވަޅުވެސް ނާޅަނީތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.



އެޗްޕީއޭއިން ހުއްދަ ދީގެން ބޭއްވި އެމްޑީޕީގެ ހަރަކާތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސިޔާސީ އެއްވެސް ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ފުރުޞަތު ނުދޭކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މިނިވަންކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން