އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އަންނަމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންނަށް ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭއިން ކަނޑައެޅި އުސޫލު އުވާލިޔަސް، ކައުންސިލް އިންތިޚާބަށް އެކަމުގެ މާބޮޑު އަސަރެއް ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކެމްޕެއިނަށް ކަރަންޓީން ނުވެ ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭއިން އެކުލަވާލި އުސޫލު ގެޒެޓްކުރިތާ 24 ގަޑިއިރު ނުވަނީސް، އެ އުސޫލު އުވާލާފައިވަނިކޮށެވެ.



ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކަރަންޓީން ނުވެ ކެމްޕެއިން ކުރުމަށް އޮތް އުސޫލު އުވާލުމަކުން އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. ނަމަވެސް ކެމްޕެއިންކުރުމަށް މިނިވަންކަމާއި ހަމަހަމަކަމާއެކު ސިޔާސީ ފަރާތްތަކަށް ފުރުޞަތު ދިނުމަށް އެޗްޕީއޭގައި ދަންނަވާފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުންނާއި އިދިކޮޅު ކެނޑިޑޭޓުންނަށްވެސް އެއް ހަމައަކުން އަމަލުކުރެއްވުމަށް އެޗްޕީއޭގައި އެދިފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ކަރަންޓީން ނުވެ ފަސް ދުވަހުގެ މުއްދަތަށް ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ރަށްރަށް ދެވޭނެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލީ އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންގެ އެދިވަޑައިގަތުމަށެވެ. ނަމަވެސް ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ދިއުމާއެކު އެ ގައިޑްލައިން ވަނީ އުވާލާފައެވެ.

ޤާނޫނު ބުނާގޮތުން އިންތިޚާބު ބޭއްވުމުގެ 28 ދުވަސް ކުރިން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެއީ މިމަހުގެ 12 އިން އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން