ޑރ. ސްރިމަތީ ކޭސަން
ޑރ. ސްރިމަތީ ކޭސަން
އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ, މިޝަން ޑައިރެކްޓަރަކަށް އިންޑިޔާގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. ސްރިމަތީ ކޭސަން އައްޔަން ކޮށްފިއެވެ.

ސްރިމަތި އަކީ ސެޓެލައިޓް ޑިޒައިންކޮށް ލޯންޗް ކުރުމުގެ ތަޖުރިބާކާރެކެވެ.

2017 ވަނަ އަހަރު އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ލޯންޗްކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓް ގެ މިޝަން ޑައިރެކްޓަރަކީ ސްރިމަތީއެވެ. އަދި 2019 ވަނަ އަހަރު އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ލޯންޗް ކުރި ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓްގެ މިޝަން ޑައިރެކްޓަރަކީ ވެސް ސްރިމަތީއެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން މިދިޔަމަހު ވެސް ވަނީ ސެޓެލައިޓެއް ލޯންޗް ކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މިޝަން ޑައިރެކްޓަރުގެ މައިގަނޑު ޒިންމާއަކީ، ސްޕޭސް މިޝަންއެއް ރާވާ، ކާމިޔާބުކަމާއެކު ނިންމާލަން ރާއްޖޭގެ ދަރިވަރުން ތައްޔާރު ކުރުމެވެ.

"ޑރ. ސްރިމަތީ އަކީ ކާމިޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ ބޭފުޅެއް. އަދި ސެޓެލައިޓް ލޯންޗް ކުރުމުގައި ނާސާ އާއި އިސްރޯ އާ އެކު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް. އެފަދަ ބޭފުޅަކާ އެކު މަސައްކަތް ކުރުމުން ދިވެހި ދަރިވަރުންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ" ރިފްއަތު ވިދާޅުވިއެވެ.

މި ތާރީހީ މިޝަން އާ ގުޅޭގޮތުން ޑރ. ސްރިމަތި ވިދާޅުވީ މިއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

"އައިޖީއެސް ގެ ޕްލޭން ވަރަށް ފުރިހަމަ. ޕާޓްނަރުންނަށް ނަގާފަ ތިބި ފަރާތްތަކަކީ ފުރިހަމަ މިޝަންއަކަށް އެންމެ ރަނގަޅު ޓީމް. މިފަދަ ޓީމަކާއެކު، ތާރީހީ މިޝަން އަކަށް ދިވެހި ކިޔަވާ ކުދިން ތައްޔާރު ކުރުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް" ޑރ. . ސްރިމަތި ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކީގައެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރުމަހު އައިޖީއެސްއާއި ކޭއެސްއެފް އާ އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، ސްޓެލައިޓް ޑިޒައިންކޮށް، ލޯންޗްކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން