އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުން، އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވަމުންނެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުއްވާލައްވައި، ޑިމޮކްރެސީއާއި ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކުރަށްވައި ވާހަކަ ދައްކަވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަކުރަށްވާފައެވެ.

ޝާހިދުގެ ވާހަކައިގައި ޖިއޮގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއްކަމާއި ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިޔާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާ ގުޅުމެއްކަން ފާހަގަކުރައްވާފައި ވެއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ވަރަށްވެސް ބަދަހި، ގާތް، އަދި ވަރުގަދަ ގުޅުމެއްކަމަށެވެ.

"އިންޑިޔާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަނީ ދުވަސްވީ ވަރުގަދަ އެކުވެރި ގުޅުމެއް. ދެގައުމުގެ ގުޅުން ބިނާވަނީ ދެގައުމުން ހިއްސާ ކުރާ އަސާސީ އުސޫލު ތަކާއި، ތާރީޚީ އެކުވެރިކަމަށް. އަދި އިންޑިޔާ އަކީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެހީތެރިވާ ބޭރު ގައުމު. ދެގައުމުގެ ވަރުގަދަ ގުޅުން ދެމެހެއްޓެނީ ސަރަހައްދީ އެކުވެރިކަމާހެދި. އިންޑިޔާއަކީ ކޮންމެ ކަމެއްގައިވެސް ސަރަހައްދީ އަވަށްޓެރި ގައުމުތަކަށް އިސްކަމެއްދޭ ގައުމެއް. މީގެ އެންމެ ބޮޑު ހެކި ފެނިގެންމިދަނީ ކޮވިޑުގެ މިބަލިމަޑުކަމުގެ ތެރޭގައި. މިގޮތުން ވެކްސިނުގެ އިތުރުން އެކި ކަހަލަ އެހީތައް އަވަށްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމުގައި އިންޑިޔާއިން ވަނީ އިސްވެ ހަރަކާތްތެރިވެ ދުނިޔޭގެ ހުރިހާ ގައުމަކަށް މިސާލު ދައްކާފައި." މިނިސްޓަރ ޝާހިދުގެ ވާހަކައިގައި ވިދާޅުވިއެވެ.

އިންޑިޔާގައި ބޭއްވެވި މިބައްދަލުވުމުގައި "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވަރނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރު އިންޑިޔާގެ ޗެންނާއީގައި ބާއްވާ މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާއިރު، މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ އިޖުތިމާއި އަދި ސިޔާސީ ގޮތުން މިސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން