އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިފަދައިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނާއިބް ރައީސް ފައިސަލް ނަސީމު ތާއީދު ކުރަށްވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށްކަން ހާމަވާ ގޮތަށް ނުސީދާ ގޮތެއްގައި ވާހަކަ ދައްކަވައިފިއެވެ.



ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފައިސަލް ނަސީމަކީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި އެޕާޓީގެ ސްލޮޓެއްގައި ނާއިބްރައީސްގެ މަގާމަށް ވަޑައިގެންނެވި ބޭފުޅަކަށް ވީނަމެވެސް، އެމްޑީޕީގެ ކައުންސިލް އިންތިޚާބުގައި ތާޢީދުކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށްކަން، ނުސީދާކޮށް ނާއިބު ރައީސް ހާމަކުރައްވާފައި މިވަނީ، ރައީސް ނަޝީދުވެސް އެފަދައިން ވާހަކަ ދައްކާފައި ވަނިކޮށެވެ. މިގޮތުން ނާއިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯއެއް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވަނީ ފައިސަލް ހުންނެވީ އެމްޑީޕީއާއެކުކަމަށް ވިދާޅުވެފައެވެ.



ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނިކޮށް، ރައީސް ނަޝީދުގެ ޓްވީޓް ރިޓްވީޓްކުރައްވަމުން ފައިސަލް ނަސީމް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ބާރު ލިބޭ ގޮތަށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ނައިބް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލުކޮށްލައްވައި، ހިޔާލު ބަދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމަށެވެ. އަދި ލޯކަލް ކައުންސިލް ކެމްޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށްގޮސް، އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. ނާއިބް ރައީސްގެ ޓްވީޓްގައި "ފަތިސް" ބޭނުން ކުރަށްވާފައި ވާއިރު އެމްޑީޕީގެ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދަނީ "ރަށްވެހި ފަތިސް" ގެ ނަމުގައެވެ.



ޖުމްހޫރީ ޕާޓީން ވާދަކުރާ އިންތިޚާބެއްގައި އެޕާޓީގެ ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނާއިބު ރައީސް ފައިސަލް ނަސީމް ތާޢީދުކުރަށްވާނެކަން ނުސީދާކޮށް ހާމަކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީން މިކަމާއި ގުޅޭގޮތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އެހެން ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާޢީދުކުރުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން ބަލައިގަންނާނެކަމެއް ނޫންކަން މީގެކުރިންވެސް އެޕާޓީގެ އިސްވެރިން ވަނީ ހަމާކުރަށްވާފައެވެ. މިގޮތުން ދާދިފަހުން އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ މިނިސްޓަރު މަލީހު ޖަމާލު އިދިކޮޅު ކޯލިޝަންގެ ބައްދަލުވުމެއްގައި ބައިވެރިވި މައްސަލަ ބޮޑުވެގެން، އޭނާއަށް ފިޔަވަޅު އަޅާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން