ލ. އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓު، ސިކްސް ސެންސަސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ކޮވިޑް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަނުޖެހޭތީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ސިކްސް ސެންސަސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަނުޖެހި ލަސްވާތީ ކަންބޮޑުވުން ފާޅުކުރަށްވައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ސިކްސް ސެންސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދޭންޖެހޭ ކަމަށެވެ. އަދި އެކަން ހަމަޖެއްސުމަށް މަޖިލިސް ތެރެއިންވެސް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ސައީދު ވިދާޅުވިއެވެ.

"ސިކްސް ސެންސް ލާމުގައި މަސައްކަތްކުރާ މާވަށް، ހިތަދޫ، ކުނަހަންދޫގެ މުވައްޒިފުން ވެކްސިން ޖަހައި ދިނުމަށް ސަރުކާރުގައި ދަނީ އެދެމުން. އަދި ކޯވިޑް-19 ގެ ހާލަތުގައި އެތައް ގުރުބާނީއެއް ވަމުންދާ (ޓުވަރިޒަމް) ރިސޯޓް މުވައްޒިފުންނާއި، ގެސްޓްހައުސް، ސަފާރީ، ޑައިވްސްކޫލު އަދި ވޯޓާ ސްޕޯޓްސްފަދަ ތަންތާ މަސައްކަތްކުރާ މުވައްޒިފުންނަށް ވަކްސިން ދިނުން އަވަސް ކުރުމަށް މަޖިލިސް މެދުވެރިކޮށް ބާރު އަޅާނަން." ސައީދު ވިދާޅުވެފައި ވެއެވެ.

ކޯވިޑް-19ގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށްވެސް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައި ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބައެއް ރިސޯޓްތަކުގެ މުވައްޒިފުންނަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްފުންނަށް ވެކްސިން ނުލިބޭ މައްސަލައިގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތްކުރާ 10،000 އަށްވުރެގިނަ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދީފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ޓޫރިޒަމް ސިނާއަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް ހާއްސަކޮށް ވެކްސިން ރަޖިސްޓްރޭޝަންއަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.



ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މާލޭގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާނީ މި މަހުގެ 15 އާއި ހަމައަށް ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފުތާ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން