ރޭގަނޑު 8:00ގެ ފަހުން ކެފޭ/ ރެސްޓޯރަންޓްތަކުން ކެއުންބުއިމުގެ ހިދުމަތް ނުދެވޭ ގޮތަށް އެޗްޕީއޭއިން ހަމަޖައްސާފައި އޮތް އުސޫލު އިތުރު ހަފުތާއަކަށް ދަންމާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވާފައިވާ އެންގުމުގައިވާ ގޮތުން މާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން އިތުރު ހަފުތާއަކަށް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި ސައިހޮޓާގެ ވިޔަފާރިތައް ބަނގުރޫޓްވަމުންދާތީ އެކަމާއި ގިނަ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރި ބަޔަކަށް ކެފޭ/ ރެސްޓޯރަންޓް ވިޔަފާރިތައް ހިންގާ ފަރާތްތައްވެފައިވާއިރު، އެފަރާތްތަކަށް އިއާދަނުކުރޭވަރުގެ ގެއްލުންތައް ލިބެމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގައި އެހީތެރިވުމަށް ތަކުރާރުކޮށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް އަދި ސައިހޮޓާތަކަށް ލިބެމުންދާ އިއާދަނުކުރެވޭވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލާއި ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ވިޔަފާރިތައް ބަނގުރޫޓްވެ، އެތައް ރައްޔިތުންގެ ވަޒީފާ ގެއްލެމުންދާކަމަށެވެ.

ކެފޭ/ ރެސްޓޯރަންޓް ވިޔަފާރިތައް ބަނގުރޫޓްވަމުންދާއިރު، ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މި ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި އިއުލާންކުރި ލޮކްޑައުންއާ ހިސާބުން ފެށިގެން ކެފޭ/ ރެސްޓޯރަންޓްތަކަށް ގެއްލުންވަމުން ދާކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.

ނަމަވެސް މާލޭގެ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ތަކަކީ ނިސްބަތުން ދިވެހީން އެންމެ މަދުން ވަޒީފާއަދާ އަދާކުރާ ދާއިރާއެވެ. މި ދާއިރާއިން ދިވެހީންނަށް ވަޒީފާ ނުލިބެނީ ކުޑަ މުސާރައަކަށް، އެއްވެސް ތަޖުރިބާއެއް ތަޢުލީމީ ފެންވަރެއް ނެތަސް، އެދާއިރާގައި މަސައްކަތް ކުރާނެ ބިދޭސީން ކުޑަ މުސާރައެއްގައި ލިބޭތީ ކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން