ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. "ޝަހީދުންގެ ދުވަސް" ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލު އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.

އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާ ހަނގުރާމަ ކުރައްވަން ހުންނަވަނިކޮށް، މާލޭ ހުޅަނގުފަރާތު އަތިރިމަތީގައެވެ. ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެދިޔައީ އަލިރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހުއެވެ. ޢަލިރަސްގެފާނު ފަސްދާނުލެވުނު ކަމަށް ތާރީޙުގައި ބުނަނީ އަވަހާރަވެގެން ވެއްޓިވަޑައިގަތް ތަނުގައެވެ. މަޝްހޫރު ޢަލިރަސްގެފާނު ޒިޔާރަތް ހުންނަނީ އެތަނުގައެވެ.

ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަސްކަމުގައިވިޔަސް، މިދުވަސް ޚާއްސަ ކުރެވެނީ ހަމައެކަނި އެރަސްގެފާނަކަށްނޫންނެވެ. ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކާ މަސައްކަތް ކުރުމުގައި ޝަހީދުވެވަޑައިގެންނެވި އެތައް ބަޠަލުންނެއްގެ ޛިކުރާ އާކުރުމުގެ ގޮތުންނެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މާޒީވި ދުވަސްތަކުގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވި އެތައް ބަޠަލުންނެއް ދިވެހި ޤައުމުވަނީ ދެކިފައެވެ. އަޅުގަނޑުމެން ދިވެހިން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއެރި ކޮންމެ ފަހަރަކު ދީނާއި ޤައުމުގެ ދިފާއުގައި ތެދުވި އެތައް ބަޠަލުންނެއް ޝަހީދުވިކަމެވެ. މިއީ ޤައުމަށްޓަކާ ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޛިކުރާއިން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންވީ ދުވަހެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން އެބޭބޭފުޅުންގެ ޛިކުރާ އާކުރަންޖެހޭ ބޭފުޅުންގެ ތެރޭގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކާ އައްސުލްޠާންނުލް ޣާޒީ ތަކުރުފާނުލް އަޢުޒަމް، ނުވަތަ މަޝްހޫރު ނަމުންނަމަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގައި ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލިތަކުރުފާނާއި، ޕޯޗުގީޒުންނާއި ކުރިމަތިލައްވައި ޖިހާދު ކުރެއްވުމުގައި ޝަހީދުވެވަޑައިގެންނެވި ކަނބާ އައިޝާއާއި، ރާއްޖޭގެ ވެރިކަމާ ތޮޅެންއައި މަލާބާރީންނާއި ހަނގުރާމަކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ދަރިކަލުން އައްސުލްޠާން ޢިބްރާހީމް (ތިންވަނަ)، ކަލާފާނުގެ ނަންފުޅު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މިފަދަ ދުވަހެއް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ޤައުމުގެ ދަރިންގެ ހިތްތަކުގައި އެޤައުމަށްޓަކާ ޤުރުބާންވެ، ޝަހީދުވެ ގޮސްފައިވާ އަބްޠާލުންގެ ޛިކުރާ އާކުރުމެވެ. ޤައުމުގެ މާޒީގެ ހަނދާންތައް މިހާރުގެ ދަރިންނަށް ހަނދާންކޮށްދީގެން ޤައުމަށް ދިމާވެފައިހުރި އެކިއެކި ހުރަސްތަކުގައި އިހުގެ ދަރީން ސާބިތުކޮށްދީފައިވާ ޢަޒުމާއި ހިތްވަރު އަދުގެ ދަރީންނަށް ދަސްކޮށްދިނުމެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ އެ ޤައުމެއްގެ ދަރީންގެ ހިތުގައި އެޤައުމަކަށް އޮންނަ ލޯތްބަކާއި، ޤަދަރެއްގެ މައްޗަށްކަން ވިސްނާދިނުމެވެ. ޤައުމަށްޓަކާ އެޤައުމެއްގެ ދަރީންނަށް ޤުރުބާންވެވޭ މިންވަރެއްގެ މައްޗަށްކަން ވަޒަންކޮށްދިނުމެވެ. މިއީ މިއަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކުގެ ދަރީންނަށް ދަސްކޮށްދޭން ޖެހޭ އެންމެ މުހިންމު ފިލާވަޅެވެ.

ޝަހީދުންގެ އީދޭ ކުރާށޭ ހަދާން،

ބަހީދެން އެހިތްވަރު އަލުން އާކުރާން

ބަހީދެން މިޤައުމަށްޓަކާ ޖާނުދޭން،

ބަހީދެން އެކީގައި މުޅިން ހޭދަވާން.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން