އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   15 މާރިޗު 2021 - 14:24
ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީ އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ ޖޫރިމަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާ ޚިފުވެފައިވާތީ އެމްޑީޕީއާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެޗްޕީއޭ މިންގަނޑާއި ޚިލާފު ހަރަކާތެއް ކުރިއަށް ގެންގޮސްގެން އެމްޑީޕީ ޖޫރިމަނާ ކުރީ އެކަމަށް އޮތް އެންމެ ކުޑަ މިންވަރު ކަމަށްވާ ފަސް ހާސް ރުފިޔާއިންނެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީކުރެ ކޮންމެ ޕާޓީއެއް ޖޫރިމަނާ ކުރީ 25 ހާސް ރުފިޔާއިންނެވެ. އެޕާޓީ ޖޫރިމަނާކުރީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް މުޒާހަރާތައް ބާއްވާތީއެވެ.

މިއީ އެމްޑީޕީ ޖޫރިމަނާ ކުރި ފުރަތަމަ ފަހަރަށްވާއިރު އެޕާޓީން ގައިދުރު ކަމެއްނެތި ބާއްވާ ކެމްޕެއިން ހަރަކާތްތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީއިން ދަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނުން އަންނަނީ އެކި ނަންނަމުގައި ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާތައް ބާއްވަމުންނެވެ. މުޒާހަރާގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކޮށް ޖޫރިމަނާ ކުރުމަށްފަހު ފުލުހުން ދޫކޮށްލައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަލާއިރު އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެއެވެ. ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ޤާނޫނީ ޝަހުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން