އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   15 މާރިޗު 2021 - 14:54
ފްލޯޓިންގ ސިޓީއެއް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށިގެން ދިއުމަކީ މުޅި ރާއްޖެއަށް ވެސް ލިބިގެންދާ ފަޚުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މި މަޝްރޫއުގެ ވާހަކަ ފާހަގަކުރައްވާ ސަބަބަކީ އެއީ އަލަށް ކުރެވޭ މަސައްކަތަކަށް ވާތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސިޓީ އަކީ މޫސުމީ ބަދަލުތަކާއި ބިން މަދުވުމުގެ މައްސަލައަށް ލިބޭނެ ހައްލެއް ކަމަށެވެ. އަދި މިފަދަ މަސައްކަތެއް ރާއްޖޭގައި ފެށިގެން ދިއުމަކީ އެންމެންނަށް ވެސް ލިބިގެންދާ ފަޚުރެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިފާނު ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލާއި ލޮނުގަނޑު އުފުލިގެންދާ ދިޔުމާ އަދި އެހެންވެސް، ބިން މަދުވުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ހުށަހެޅޭ ޓެކްނޮލޮޖީއެއް މިކަމުގައި ދިވެހިރާއްޖޭގައި މި މަސައްކަތް ފެށޭކަމީ އަޅުގަނޑުމެން ޔަގީން ކަށަވަރު އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭނެ ފަޚުރެއް." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޑަޗް ޑޮކްލެންޑްސް ކުންފުންޏާއި އެކު ސޮއި ކުރެވުނު މި މަޝްރޫއުއަކީ މާލެ އަތޮޅުގެ އުތުރުބުރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން 200 ހެކްޓަރުގެ ފަޅެއް، ސިޓީއެއްގެ ފެންވަރަށް ތަރައްގީ ކުރެވޭނެއެވެ. މި ސިޓީގައި 5،000 ގެ ބިނާ ކުރުމަށް ހަމަޖެހިފައިވާއިރު ފަޅު ވަށައިގެން ބޭރުގައި 5 ތަރީގެ ދެ ރިސޯޓާއި، ޔޮޓް މެރީނާ އެއް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ 2009 ވަނަ އަހަރު، ރައީސް ނަޝީދު ވެރިކަމުގައި ފެށުމަށް ނިންމައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އެހެންނަމަވެސް، ވެރިކަން ބަދަލުވުމާއި ގުޅިގެން މި ޕްރޮޖެކްޓަށް ހުއްޓުމެއް އައުމަށްފަހު އަލުން ފަށައިގަނެވިފައި ވަނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން