ޕިކްމީ އެޕްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަށް މިއަހަރު ޖެނުއަރީމަހު ކޮށްފައިވާ އިސްތިހާރެއް.
ޕިކްމީ އެޕްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަށް މިއަހަރު ޖެނުއަރީމަހު ކޮށްފައިވާ އިސްތިހާރެއް.
ސްރީލަންކާގެ ޓެކްސީ ހިދުމަތްދޭ އެޕް، ޕިކްމީ ގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހުއްދަ ނުދޭކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގައި ދިވެއްސަކު ވިޔަފާރިއެއް ފެއްޓުމަށްވުރެ ބޭރުގެ ކުންފުންޏަކުން ރާއްޖޭގައި ވިޔަފާރިއެއް ފެއްޓުމަށް ފަސޭހަވާކަމަށްބުނެ އާންމުންގެ ފަރާތަކުން ޓްވިޓަރގައި ހުށައެޅި ކަންބޮޑު ވުމަކާއެކުއެވެ.

މިގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ ހުރިހާ ވިޔަފާރިތަކަށްވެސް ލުއިދެވޭތޯ މަސައްކަތް ކުރާކަމަށެވެ. އަދި ބޭރުގެ ޑައިރެކްޓް އިންވެސްޓްމެންޓްތައް ރާއްޖޭގައި ކުރެވެނީ އެކަމަށް ހާއްސަ ކުރެވިފައިވާ ރާއްޖޭގެ އެފްޑީއައި ޕޮލިސީގެ ދަށުން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިޕޮލިސީގެ ދަށުން ޕިކްމީ ގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް އެދިފައިވާ އެޕްލިކޭޝަން ރިޖެކްޓް ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"ބޭރު ބަޔަކު ހިންގާ ވިޔަފާރިއަކަށްވިޔަސް ދިވެހިން ހިންގާ ވިޔަފާރިއަކަށްވިޔަސް، އަހަރުމެން މަސައްކަތްކުރަނީ ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކަށްވެސް ލުއިދެވޭތޯ. ނަމަވެސް ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ކުރުމަށް ބައެއް ކަހަލަ ހުރަސްތަކެއް އެބަހުރި. އެއީ ގެޒެޓު ކޮށްފައިވާ އެފްޑީއައި (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ޕޮލިސީގެ ދަށުން ކުރިމަތިވާ ހުރަސްތަކެއް. މި ޕޮލިސީގެ ދަށުން ޕިކްމީ ގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް އެދިފައިވާ އެޕްލިކޭޝަން ވަނީ ރިޖެކްޓް ކޮށްފައި." މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.



ޕިކްމީގެ ހިދުމަތް ރާއްޖެ އަށްް ފޯރުކޮށްދިނުމަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދަނީ އިސްތިހާރު ކުރަމުންނެވެ. މިގޮތުން ޓެކްސީގެ ހިދުމަތުގެ އިތުރުން ކާބޯތަކެތި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ޕިކްމީ މޯލްޑިވްސްގެ ނަމުގައި އިސްތިހާރުކޮށްފައިވެއެވެ. ނަމަވެސް މިހިދުމަތަށް އެދުނު އެޕްލިކޭޝަން ސަރުކާރުން ބަލައި ނުގަންނަ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ޕިކްމީއާއި އެއްގޮތް ދިވެހި އެޕްތަކެއް ރާއްޖޭގައި މިހާރުވެސް ހިދުމަތްދެމުން ދެއެވެ. މިގޮތުން އަވަސް ރައިޑް އަދި ކެބް އެމްވީ ގެ ނަމުގައި ރާއްޖޭގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެމުންދާއިރު، އަވަސް ފުޑް، ހަގް ފުޑްސް، އަދި ފޫޑީސް ގެ ނަމުގައި ރާއްޖޭގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދެމުންދާއިރު، ބޭރުގެ ފަރާތަކުން ހަމަމިފަދަ ހިދުމަތްތަކެއް ވިޔަފާރީގެ އުސޫލުން ފެށުމާމެދު ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން