އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ވިޔަފާރިތަަކަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުއެވެ.



މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ މަޖިލީހުން ބަލައިގަތީ މި މައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަޢީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސަރަޙައްދާއި ވަކިން ޚާއްޞަކޮށް މާލޭގައި ވިޔަފާރިކުރާ އެތައް ފަރާތެއް ގޮތްހުސްވެފައިވާކަމަށެވެ. އަދި ކެފޭ ރެސްޓޯރަންޓާއި ކުދި ވިޔަފާރިތަކުގެ ގޮތުގައި ޙަރަކާތްތެރިވާ ފިހާރަތަކުގެ އިތުރަށް، ޓެކްސީ، ޕިކަޕް އަދި އެއްގަމު ދަތުރުފަތުރުގެ ޚިދްމަތްދޭ ފަރާތްތަކާއި، ކަނޑު ދަތުރުފަތުރުތަކާއި، މުދާ އުފުލާ ފަރާތްތަކުގެ އިތުރަށް، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ޚިދުމަތުގައި ހިމެނޭ ލޮޖިސްޓިކްސް ޚިދުމަތާއި، މަޖޫރީންގެ ޚިދުމަތާއި، އެ ޚިދުމަތްތަކާ ގުޅިފައިވާ އެތައް ވިޔަފާރިތައް ހީނަރުވެ ނެތެމުންދާކަމަށް ސައީދުގެ މައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައިކަމަށް ސަޢީދު ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރި ބަޔަކަށް ކެފޭ/ ރެސްޓޯރަންޓް ވިޔަފާރިތައް ހިންގާ ފަރާތްތައްވެފައިވާއިރު، އެފަރާތްތަކަށް އިއާދަނުކުރޭވަރުގެ ގެއްލުންތައް ލިބެމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގައި އެހީތެރިވުމަށް ތަކުރާރުކޮށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިމައްސަލައަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި މައްސަލަތައް ފާހަގަކޮށްފައެވެ. އަދި އެފަރާްތްތަކަށް އެހީތެރިވެވޭނެ ގޮތްތައް ބަލަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ. ބައެއް މެމްބަރުން ވިދާޅުވީ ކޯވިޑާއި ގުޅިގެން ސަރުކާރުން އަޅުއްވާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށާއި، އެއީ ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން