ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގަތަރާއި ބަންގްލަދޭޝްއަށް ކުރަށްވާ ދަތުރުފުޅުގައި، ޤަޠަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގެ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު ޤަޠަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤަޠަރުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުވުގައި ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މިބައްދަލުވުމުގައި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދެޤައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ޙިއްޞާ ކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްޤީގެ ވައްޓަފާޅި ބަދަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްޤީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ދިވެހިރާއްޖެއަށް ލިބޭނެފަދަ ގޮތަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ސަރުކާރުން ކޮވިޑް-19 ފެތުރިގެން ދިޔަ ނުދިނުމަށް އެގައުމުގައި އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޤަޠަރުގެ އަމީރު ވާހަކަފުޅު ކުރިއަށްގެންދަވަމުން ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހި ކުރުމާމެދު މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދޭދޭގުޅުން ބަދަހިކުރެއްވުމަށް، ދިވެހިރާއްޖެއިން ޤަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރައްވާ މަސައްކަތްޕުޅާ، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްޕުޅާ، ބައިނަލްއަޤުވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކުގައި ޤަޠަރާއިއެކު މަސައްކަތްޕުޅު ކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ.

ޤަޠަރުގެ އަމީރީ ދީވާންއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީއެވެ. އަދި ޤަޠަރު ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށްދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ޞަބްރާ އިބްރާހީމް ނޫރައްދީން، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން