އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުގެ ބިލަކާއި ފޮރިން ސަރވިސްގެ ބިލެއް ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މި ދެ ބިލު އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުއްވާފައި މިވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައެވެ.

މިބިލުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަޤްވާމީގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސް ކޭޑަރެއް ބިނާކުރުން ހިމެނެއެވެ. އަދި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމަކީވެސް މިބިލުން ހާސިލުކުރާން ބޭނުންވާ އެއް މަޤްޞަދެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅާފައިވަނީ ޤާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިޞްލާޙުކުރުމަށެވެ. އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަނާއި، އިންޓަރ ކަނެކްޝަން ޗާޖަސް އަދި ރީއިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ އުސޫލު އިޞްލާޙުކުރުންވެސް މިބިލްގައި ހިމަނާފައިވެއެވެ. މީގެ އިތުރުން އެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ފަހުން، ޤާނޫނު ތަންފީޛުކުރުމުގައި ކުރިމަތިވަމުން އައިސްފައިވާ ދަތިތައް ޙައްލުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްވެސް ވަނީ ބިލުގައި ހުށަހަޅާފައެވެ.

މަޖިލީހުގެ މިދައުރަށް 33 ބިލެއް ހުށައެޅުމަށް ބަންޑާރަ ނާއިބު ވަނީ ނިންމަވާފައެވެ. އެބިލުތަކުގެ ލިސްޓް މަޖިލީހަށް ފޮނުއްވާފައިވާއިރު އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން