އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަދައްކާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމްކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފަތުރަމުންދާކަމަށެވެ. އަދި މިއީ ދިވެހި އަސްކަރިއްޔާގެ އަގު ވައްޓާލައި، ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫ އަރުވައި، ރައްޔިތުންގެ މެދުގައި ފިތުނު ފަސާދަ އުފެއްދުމަށް ބަޔަކު ކުރަމުންދާ ކަމެއްކަމަށްވެސް މިމައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން މިކަންކަން ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މިމައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

މިމައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާޤުން ވަނީ މިމައްސަލަ މަޖިލީހަށް ބަލައިގެންފައެވެ.

އިންޑިއާގެ އަސްކަރިއްޔާއާއެކު ސަރުކާރުން އެއްބަސްވެފައިވާ އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ކަމަށް ބުނެ މީސް މީޑިއާގައި ލީކްކޮށްލާފައިވާ އެއްބަސް ވުމަކީ ފޭކް އެއްޗެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިލިއުން މީސް މީޑިއާގައި ލީކް ކޮށްލާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ އޭނާ ލީކް ކޮށްލާފައިވާ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއަކީ ހަގީގަތެއްކަމަށާއި އޭގައި ވަނީ ދޮގު ކަމަށް ވާނަމަ ނޫނީ އެއީ ފޭކް ލިއުމެއްކަމަށް ވާނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން