ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަ ފަތުރަމުންދާކަމަށް ބުނެ، އޭނާއާމެދު ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ގޮވާލައިފިއެވެ.

އުމަރު ނަސީރާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީގެ މެމްބަރުން ގޮވާލެއްވީ އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ބަޔަކު ހަޤީޤަތާއި ޚިލާފު ވާހަކަ ފަތުރަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމްކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފަތުރަމުންދާކަމަށެވެ. އަދި މިއީ ދިވެހި އަސްކަރިއްޔާގެ އަގު ވައްޓާލައި، ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫ އަރުވައި، ރައްޔިތުންގެ މެދުގައި ފިތުނު ފަސާދަ އުފެއްދުމަށް ބަޔަކު ކުރަމުންދާ ކަމެއްކަމަށްވެސް މިމައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން މިކަންކަން ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް މިމައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

މިމައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމާއި ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދައްކަވާ ވާހަކަފުޅުތަކަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ އުމަރު ނަސީރު މަސައްކަތްކުރައްވަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށްކަމަށާއި، އެ ފުރުޞަތު އޭނާއަށް ދީގެން ނުވާނެކަމަށެވެ.

"އުމަރު ނަސީރަކީ ރާއްޖޭގެ ދިފާއީ ބާރު ހިފުމަށްޓަކައި ރައްޔިތުންނަށް ވަސްވާސް ދީގެން ޗާޓު ކުރަހައިގެން ހަރުގަނޑު ބަހައްޓައިގެން ހުރި މީހެއް، އަޅުގަނޑު ވެސް ގޮވާލަން ސިޔާސީ ލީޑަރެއްގެ ސިފައިގައި ހުރި އެމީހާ ހައްޔަރު ކުރަން،" މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން އުމަރު ނަސީރަށް ފިޔަވަޅު އެޅުމަށް ގޮވާލެއްވިއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން ވަނީ ލީކުވެގެން އުޅެނީ ސައްހަ ލިޔުމެއް ނޫންކަން ހާމަ ކުރުމަށްޓަކައި އަސްލު އެއްބަސްވުން ހާމަކުރުމަށް ގޮވާލާފައެވެ. އަދި އެކަމުގައި ގޯހެއް ނެތްނަމަ އެއްބަސްވުން ސިއްރުކޮށްގެން އުޅެނީ ކީއްވެތޯ އިދިކޮޅު މެމްބަރުން ސުވާލު ކުރެއްވިއެވެ.

"ޤާނޫނުއަސާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިމުން ބައެއް އަސްކަރީ ބޭނުމަކަށް ބޭރުގެ ބަޔަކަށް ދޭނަމަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރަންޖެހޭނެކަމަށް. މި އެއްބަސްވުން މަޖިލިހާ ހިއްސާކުރުމަށް ސަރުކާރުން ފަސްޖެހެނީ ކިހިނެއްވެގެންތޯ؟" ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ޔޫޓީއެފް އެއްބަސްވުން މަޖިލީހާއި ހިއްސާކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލުމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ޔޫޓީއެފް އެއްބަސްވުމަކީ މަޖިލީހާ ހިއްސާކުރަންޖެހޭ އެއްބަސްވުމެއް ނޫންކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މަޖިލީހާ ހިއްސާކުރަންޖެހޭ ބާވަތުގެ އެއްބަސްވުންތައް ސަރުކާރުން މަޖިލީހާ ހިއްސާކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން