ދިވެހި މުޖްތަމަޢުގައި އަބަދުވެސް ދީނީ ކަންކަމާއި މެދު ބަހުސްކޮށް، އިލްމުވެރިންނަށް ފެންނަ ގޮތްތައް ހާމަކުރައްވަމުންދެއެވެ. ނަމަވެސް މިފަހުން ދީނީ ބައެއް ކަންކަމުގައި، ނޫނީ ދީނުގައި ކަންކަން އޮންނަ ގޮތާއިމެދު އިލްމުވެރިންގެ މެދުގައި ބޮޑެތި ބަހުސްތައް ހިންގާފައި އެބަހުއްޓެވެ. އޭގެތެރޭގައި އަންހެނުން ރައީސްކަމަށް ކުރިމަތިލުމާއި، އަންހެނުން ފަނޑިޔާރުކަމަށް އައްޔަންކުރުމާއި، މިއުޒިކާއި ލަވައިގެ ހުކުމް އަދި ގައިދުރުކޮށް ނަމާދުކުރަން ފަދަ ކަންކަމަކީ އިލްމުވެރިންގެ މެދުގައި ވަރަށް ބޮޑު ހިޔާލު ތަފާތުވުން އުފެދިފައި ހުރި މައްސަލަތަކެވެ.

ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ބަހުސްކުރެވޭ މިފަދަ މައްސަލަތަކުގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްއަކީ އަބަދުވެސް އެމަނިކުފާނަށް ފެނިވަޑައިގެންނަވާ ގޮތް ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ބުނެދެއްވާ ބޭފުޅެކެވެ. މިގޮތުން އެމަނިކުފާނު މިއަދު ވަނީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމާއި ގުޅޭގޮތުން އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެއްވި ލިޔުމެއް އާއްމުކުރައްވާފައެވެ. މިލިޔުން އާއްމު ކުރެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވެފައި ވަނީ މިއީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަންތައްތަކަކީ ކޮބައިކަމާމެދު އޮޅުންއަރާގޮތަށް ވާހަކަދެކެވެމުންދާތީ ކަމުގެޙަޤީޤަތް ބަޔާންކުރެވޭތޯ ބެއްލެވުމުގެގޮތުން ތައްޔާރުކުރި ލިޔުމެއްކަމަށެވެ.

ރައީސް މައުމޫންގެ މިލިޔުން ފަށްޓަވަމުން ވިދާޅުވެފައިވަނީ، އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންތައްތަކާއި ހަރާމް ކަންތައްތައް ކަނޑައަޅުއްވާ ފަރާތަކީ ހަމައެކަނި މާތްﷲ ކަމަށެވެ. އަދި ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންތައްތައް ކަނޑައަޅުއްވާ ފަރާތަކީވެސް ހަމައެކަނި މާތް ﷲ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެ ބާރަކީ ރަސޫލަކަށްވެސް، ނަބީބޭކަލަކަށްވެސް، އަދި އެއްވެސް އިންސާނަކަށްވެސް އޮންނަ ބާރެއް ނޫންކަމަށް މައުމޫން ވިދާޅުވެފައިވެއެވެ. ރައީސް މައުމޫންގެ ލިޔުއްވުމުގައި އެމަނިކުފާނު ވަނީ ޤުރުއާނުން ދަލީލްތައްވެސް ހިމަނުއްވާފައެވެ.

މައުމޫންގެ ލިޔުއްވުމުގައި ވިދާޅުވެފައިވަނީ ޙަރާމްކަމަކީ އެކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއްކަމަށެވެ. އަދި ކަމެއްކުރުން މާތްﷲ ވަނީ މުޅިން މަނާކުރައްވާފައިކަން އެނގޭނެ ގޮތްތަކެއްވާކަމަށް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެކަން ޤުރުއާނުންނާއި ރަސޫލާގެ ހަދީޘްފުޅުން ސަރީޙަކޮށް އެނގެން އޮންނަކަން ބަޔާންކޮށްދީ، އެކަމާއި ގުޅޭ ދަލީލްތައް ރައީސް މައުމޫންގެ ލިޔުއްވުމުގައި ދައްކާފައިވެއެވެ.



ރައީސް މައުމޫންގެ ލިޔުއްވުމަށް ނަޒަރު ހިންގާލާއިރު، އެމަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމްދީނަކީ ލުއިފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިންމުކަމަކަށް ސަމާލުކަންދޭން ޖެހޭކަމަށެވެ. އެއީ، ޙަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

"މިސާލަކަށް، ކަމެއްގެ ޙުކުމާ ބެހޭގޮތުން މުފްތީއެއްގެ އަރިހުގައި ސުވާލު ވެވިއްޖެނަމަ، އެކަމަކާބެހޭ ޙުކުމެއް ކީރިތި ޤުރްއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރްޢީ ދަލީލަކުން ފެނިވަޑައިނުގެންނެވި ނަމަ، މުފްތީއަށް އޮންނާނީ، އެ ކަމަކީ ހުއްދަ ކަމެއްކަމުގައި ވިދާޅުވުމެވެ. ސަބަބަކީ، ކޮންމެ ކަމެއްގެވެސް އަސްލު ޙުކުމަކީ އެ ކަމެއް ހުއްދަވުން ކަމަށްވާ ކަމެވެ." ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވިދާޅުވީ، އެންމެހައި ކަންކަމާއި ތަކެތީގެ އަސްލު ޙުކުމަކީ، އެކަންކަމާއި ތަކެތި ހުއްދަވުން ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ، މާތް ﷲ ބިމުގައި ލައްވާފައިވާހާ ތަކެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްޓަކައިކަމަށް ކީރިތި ގުރުއާންގައި އަންގަވާފައިވާތީއެވެ. ހަމައެހެންމެ، އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް މާތް ﷲ ކިޔަމަން ކުރައްވާފައި ވަނީ އިންސާނުންނަށްޓަކައި ކަމުގައި، ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާން ކުރައްވާފައިވާކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.



"އެހެންކަމުން، އެ ތަކެތި ހުއްދަނުވާ ނަމަ، އެ ތަކެއްޗަކީ އިންސާނުންނަށްޓަކައި މާތް ﷲ ހެއްދެވި އަދި ކިޔަމަން ކުރެއްވި ތަކެތި ކަމަކަށް ނުވާނެއެވެ. އިސްވެ ބަޔާން ކުރެވުނު ގޮތްތަކުގެ މަތިން މާތް ﷲ ޙަރާމް ކުރެއްވިކަން ސާބިތުނުވާ އެއްވެސް ކަމަކީ ޙަރާމް ކަމެއް ކަމުގައި ބުނުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ނޯންނާނެއެވެ. މީގެ މާނައަކީ، އަލަށް އުފެދޭ މުޢާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިންވެސް އެ ކަމަކީ ޙަރާމް ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށެވެ." ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.



ރައީސް މައުމޫންގެ ލިޔުއްވުމުގައި ދިރިއުޅުން ތަރައްޤީވެ އިންސާނާ ޙަރަކާތްތެރިވާ މައިދާންތައް އެއްދުވަހުން އަނެއްދުވަހަށް ފުޅާވެ ތަނަވަސް ވެގެން ދިޔުމަކީ ކަންވަމުންދާ ގޮތްކަމަށާއި އޭގެތެރެއިން އެއްވެސް ކަމަކީ ޙަރާމް ކަމެކޭ ބުނެވޭނީ ދަލީލުތަކުން އެއީ ޙަރާމްކަމެއްކަން ސާބިތުވާން އޮތްނަމަ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.



އެހެންކަމުން، ޤައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، ލަވަކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީވެސް ޙަރާމް ކަމެކޭ ބުނާނެ ތަނެއް ނެތްކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ޙަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެ ކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާނަމަ އެ ކަމެއް ޙަރާމް ވާނެކަން ޔަޤީންކަމަށްވެސް ރައީސް މައުމޫންގެ އިލްމީ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން