ދުނިޔޭގެ ވަގުތީ އުފަލަށް ދީން ވިއްކާނުލުމަށް ފަތުވާ މަޖިލީހުގެ މެމްބަރުންނަށް، ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު މިކަމަށް ގޮވާލައްވާފައި މިވަނީ، ޖަމާޢަތުގައި ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުމަކީ ބަލިމަޑުކަމުގައި ހުއްދަކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމުމާއި ގުޅިގެނެވެ.

ފަތުވާ މަޖިލީހުން ނެރުނު ފަތުވާއަށް އިޝާރާތްކުރައްވައި އިޔާޒު ވިދާޅުވީ، ފަތުވާ ނެެރުއްވަންޖެހެނީ ހާލަތު ރަނގަޅަށް ދިރާސާކޮށް، އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކުކަމަށެވެ. އިޔާޒު ވިދާޅުވީ މިކަންކަމާއި ގުޅޭގޮތުން ﷲގެ ހަޒުރަތުގައި ސުވާލު ކުރެވޭނެކަމަށެވެ. އަދި ދުނިޔޭގެ ވަގުތީ އުފަލަށްޓަކައި ކުޑަ އަގަކަށް ދީން ވިއްކާ ނުލެއްވުމަށް އިޔާޒު ގޮވާލެއްވިއެވެ.



ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުމަކީ ހުއްދަކަމެއްކަމަށް ފަތުވާ މަޖިލީހުން ނިންމާފައި މިވަނީ، އެ މައްސަލައިގައި ރާއްޖޭގެ ބައެއް އިލްމުވެރިންގެ މެދުގައި ހިލާފުތަކެއް އުފެދިފައިވަނިކޮށެވެ. އަނެއްކޮޅުން އިސްލާމިކް މިނިސްޓްރީން ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުގެ ސަފުތައް ހެދުމަށް އަންގާފައެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ގައިދުރުކޮށް ނަމާދުގެ ސަފުތައް ހެދުމާއި ގުޅޭގޮތުން ގޮތެއް ނިންމީ ކީރިޤުރްއާނާއި ކީރިތި މާތްރަސޫލާގެ ސުންނަތާއި ފަތުވާދޭ މުއައްސަސާތަކާއި ޢިލްމުވެރިންގެ ޖަމާޢަތްތަކުގެ ބަސްފުޅުތަކުގެ އަލީގައި މިމައްސަލަ ދިރާސާކުރުމަށްފަހުކަމަށް ފަތުވާދޭ މަޖިލީހުން ނެރުނު ބަޔާނުގައިވެއެވެ. މީގެއިތުރުން ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުގައި މިހާލަތުގައި އަމަލުކުރަމުންދާ ގޮތްތަކަށްވެސް ރިޢާޔަތްކޮށްފައިވާކަމަށް ފަތުވާދޭ މަޖިލީހުން ބުނެފައި ވެއެވެ.

ފަތުވާދޭ މަޖިލީހުގެ ބަޔާނުގައި، ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ މީސްތަކުންގެ މެދުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާޢަތްތައް ހެދުން ހުއްޓާލުމަކީ ޞައްޙަކަމެއް ކަމަށެވެ.

މިކަމުގައި އޮތް މަފްސަދާގެ އަޞްލަކީ މީސްތަކުން އެއްތަނަކަށް ޖަމާވުންކަމަށް ކަމާބެހޭ ޞިއްޙީ މާހިރުން ހާމަކުރާކަމަށާއި، އެހެންކަމުން މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ އިތުބާރުހުރި ޞިއްޙީ މާހިރުން ދޭ މަޢުލޫމާތުގެ މައްޗަށް ބުރަވެތިބެ އެއާ އެއްގޮތަށް ޢަމަލު ކުރުންކަމަށްވެސް ފަތުވާދޭ މަޖިލީހުގެ ބަޔާނުގައިވެއެވެ. އަދި މިއަމުރުތަކަށް ތަބާވުމަކީ ޝަރުޢީ ގޮތުން އޮތް ވާޖިބެއްކަމަށާއި، އެއީ އެއަމުރުތަކާ ޚިލާފުވުމުން ނަފުސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފަހަރެއްގައި އެމީހަކު މަރާކުރިމަތިލައި ހަލާކުވެގެން ދިއުންވެސް ހިމެނޭތީކަމަށް ފަތުވާ މަޖިލީހުން ބުނެފައި ވެއެވެ.

އެހެންކަމުން މިހުރިހާ ކަމަކަށް ބަލާއިރު ފަތުވާދޭ މަޖިލީހުގެ މެންބަރުންނަށް އެއްބަސްވެވުނީ މިޙާލަތުގައި ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާޢަތުގެ ނަމާދުކުރުމީ މަކްރޫހަކަމަކާއި ނުލައި ހުއްދަ ކަމަށެވެ.

ރާއްޖޭގެ ބައެއް ޢިލްމްވެރިން ގެންދަވަނީ ގައިދުރުކޮށްގެން ނަމާދުގެ ޖަމާއަތް ހެދުމާއި ދެކޮޅަށް ވަކާލާތު ކުރަށްވައި ފަތުވާ ނެރުއްވަމުންނެވެ. އެފަރާތްތަކުން ވިދާޅުވަނީ އާންމު ދިރިއުޅުމުގައި ގައިދުރު ކަމެއް ނެތި އަދި އާންމު ދިރިއުޅުމަށް ކުރެވޭ ހުރިހާ ކަމެއް ވެސް އާދައިގެ މަތީން ކޮށް އުޅުމުގެ ފުރުސަތު އޮތް އިރު ނަމާދުގެ ޖަމާއަތުގައި އެކަނި ގައިދުރު ކުރުމުގެ ޟަރޫރަތެއް ނެތް ކަމަށެވެ. އަދި މިސްކިތްތަކުން ބަލި ފެތުރޭ ކަމަށް އެއްވެސް ދިރާސާއަކުން މިހާތަނަށް ހާމަވެފައި ނުވާކަމަށް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން