މަސްވެރިކަމުގެ މަޝްރޫޢުތަކަށް ކައުންސިލް އިދާރާތަކުން ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިކަމުގެ މަޝްރޫޢުތަކަށް ކައުންސިލް އިދަރާތަކުން ހުއްދަ ދިނުމާ ގުޅޭގޮތުން ބޭއްވި މިބައްދަލުވުން އޮތީ މިއަދު ހެނދުނު އޮންލައިންކޮށެވެ.

މި ބައްދަލުކުރުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވަނީ މަސްވެރިކަމުގެ އެކި މަޝްރޫޢުތަކަށް ކައުންސިލް އިދާރާތަކުން ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތަކާ ގުޅޭ މަޢުލޫމާތު ދީފައެވެ.

މިއަދުގެ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ވަނީ މިނިސްޓްރީގެ ފަރާތުން ފަހިކޮށްދެއްވަނީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، ދުވާލެއްގެ މައްޗަށް ދެ ޓަނަށްވުރެ ގިނައިން މަސް އުފައްދާ ގޭދޮށު މަސް ފެކްޓަރީތަކެއް އައްޑޫ ސިޓީ ހިތަދޫ އާއި، މަރަދޫ އަދި ހުޅުދޫ މީދޫގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، މިހާތަނަށް އެއް ފެކްޓަރީއަކަށް ހުއްދަ ލިބިފައިވާއިރު، އިތުރު ދެ ފެކްޓަރީއަށް ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. މިގޮތުން އަލަށް އެކުލަވާލެވުނު އުޞޫލުގެ ދަށުން އެ ދެ ފެކްޓަރީއަށް ކައުންސިލުން ހުއްދަ ދޫކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، ގޭގައި މަސް ކެއްކުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވާ ކަމަށާއި، މިގޮތުން އަވަށްޓެރިންނާއެކު ޖެހޭ މިފަދަ ބައެއް މައްސަލަތައް ކައުންސިލް މެދުވެރިވެގެން ޙައްލުކުރަން ޖެހޭކަމަށެވެ. އަދި ވިޔަފާރީގެ ބޭނުމަށް ގޭގައި މަސް ކައްކާ ފަރާތްތަކުގެ ކިބައިން ފީއެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ. މީގެ އިތުރުން، ބާޒާރުގައި ވިއްކާ ތަކެއްޗަކީ ކޮންމެވެސް މިންގަނޑަކަށް ފެތޭ ތަކެތިކަމުގައި ވާންޖެހޭނެ ކަމަށާއި، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެވެސް އުޞޫލުތަކެއް ޤާއިމުކުރަންޖެހޭ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެން ކަމުގައި ނުވާނަމަ، މިފަދަ ކަންތައްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ކައުންސިލްތަކަށް ދަތިވާނެ ކަމުގައި މޭޔަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން