މޮސްކޯ އިންޓަރނޭޝަނަލް، ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒެބިޝަން، އެމްއައިޓީޓީ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއީ ރަޝިޔާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރއެވެ.

މި ފެއަރގައި ރާއްޖޭގެ ފަރާތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ބައިވެރިވެއެވެ. މި ފެއާއަކީ ކޯވިޑްގެ ހާލަތާއި ގުޅިގެން ބޭރުގެ ފެއާތައް މެދުކެނޑިފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން ބާއްވާ މިފަދަ ފުރަތަމަ ފެއާއެވެ.

މިއަހަރުގެ އެމްއައިޓީޓީ ފެއާ ކުރިއަށްދަނީ މިމަހުގެ 16 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އެމްއައިޓީޓީ ފެއާގައި 25 ވަރަކަށް ޤައުމުން ވަނީ ބައިވެރިވެފައެވެ. އަދި ދުނިޔޭގެ ނަން މަޝްރޫޙު ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރު ރާއްޖެ އިޝްތިހާރުކުރުމަށް ބޭރުގައި ބާއްވާ 44 ފެއާއަކާއި ރޯޑްޝޯއެއްގައި ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިންގައި ކުރިއަށްދާ ފިޓޫރު ފެއާއާއި، ޑަބްލިއުޓީއެމް ލަންޑަންއާއި، އައިޓީބީ އޭޝިއާ، އަދި އައިޓީބީ ޗައިނާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން