އެމްއެންޑީއެފްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
އެމްއެންޑީއެފްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭނެފަދަ މާއްދާއެއް އުތުރުތިލަފަޅު (ޔޫޓީއެފް) އެެއްބަސްވުމުގައި ނޯންނާނެ ކަމަށް ދިވެހި ގައުމީ ދިފާއީބާރު، އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ލިއުމަކީ ފޭކް އެއްޗެއްކަން ޔަގީން ކޮށްދީ އެ އެއްބަސްވުމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދާރިވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ސަމާލު ވިދާޅުވި މިއެއްބަސްވުމުގައި ދިވެހި ރައްޔިތުން ކަންބޮޑުވާނެ އެއްވެސް މާއްދާއެއް ވެސް އަދި އެއްވެސް ވާހަކައެއްވެސް ނުހިމެނޭނެ ކަމަށެވެ. ޔޫޓީއެފް އެެއްބަސްވުމުގެ ދަށުން އިންޑިޔާ ސަރުކާރުގެ އެހީގައި ގާއިމުކުރެވޭ ކޯސްޓު ގާޑުގެ ބަނދަރާއި ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެމްއެންޑީއެފްގެ ލީޑާރޝިޕުގެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއެއްބަސް ވުމާއި ބެހޭ ގޮތުން މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކުރަށްވައި އެ އެއްބަސްވުމަށް ފާޑުވިދާޅުވާ ފަރާތްތަކަށް ރައްދު ދެއްވަމުން ޝަމާލު ވިދާޅުވީ އެއްބަސްވުމާއި ބެހޭގޮތުން ފަތުރަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ސިޔާސީ ގޮތުން ފަތުރާ ޕްރޮޕެގެންޑާ އެއް ކަމަށެވެ. އެފަދަ ސިޔާސީ ޕްރޮޕެގެންޑާގެ ސަބަބުން ސިފައިންގެ ބަދަހި ސަފުތައް ނުރޫޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި އިންޑިއާގެ ސިފައިން ޔޫޓީއެފްގައި ހަތިޔާރާއެކު ތިބެވޭ ގޮތަށް އޮތް ކަމަށް ބުނާ ވާހަކަ ވެސް ޗީފް ވަނީ ދޮގުރަށްވާފައެވެ. އަދި އެހެން ގައުމެއްގެ އުޅަނދެއް އެތަނަށް ބަނދަރު ކުރާކަށް ނޫނީ ބޭނުން ކުރުމަށް އިންޑިއާ ސިފައިންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް އެއްބަސް ވުމުގައި ނޯންނާނެ ކަމަށާއި އެތަން އޮންނާނީ ވެސް އަދި ހިންގާނީ ވެސް ދިވެހި ސިފައިން ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޔޫޓީއެފް އެއްބަސް ވުމަކީ ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވި އޭގައިވާ އެއްޗެއް ވެސް ސާފުކޮށް އެނގިގެން ހެދިފައިވާ އެއްބަސްވުމެއް ކަމަށާއި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ އެއްވެސް ކަމެއް ދިވެހި ސިފައިން ނުކުރާނެ ކަމަށް ޝަމާލު ވިދާޅުވިއެވެ.

ޝަމާލު ވިދާޅުވީ އެއީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކުރެވޭ ތަނެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ތަކަކާއި ފައިދާތަކެއް ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާރުކޮށް ބެލެހެއްޓުމުގެ ގާބިލުކަން މީގެސަބަބުން އިތުރުވެގެން ދާނެ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަމާލު ވިދާޅުވީ ޔޫޓީއެފް ތަރައްގީ ކުރުމަށް ވާހަކަ ދެކެވުނީ ހަމައެކަނި އިންޑިއާ ސިފައިންނާ ނޫން ކަމަށާއި 2013 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ބޭރުގެ ސަރުކާރު ތަކުގެ އިސް ފަރާތްތަކާއި އަސްކަރިއްޔާ ތަކުގެ ބޭފުޅުން ޔޫޓީއެފްއަށް ގެންގޮސްގެން އެތަން ތަރައްގީ ކުރަން އެހީ ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ފެސިލިޓީއެއް ގާއިމުކޮށް، ކޯސްޓްގާޑަށް ބަނދަރަކާއި، ޑޮކްޔާޑެއް ހެދުމަށް އިންޑިއާއާއެކު މަޝްވަރާތައް ކުރެވި 2016 ވަނަ އަހަރު އިންޑިޔާއާއެކު އެއްބަސްވުމެއް ހެދުނުކަމަށް ޝަމާލް ވިދާޅުވިއެވެ.

މިގޮތުން ޔޫޓީއެފް އެއްބަސްވުން ހިމެނެނީ، 2016 ވަަނަ އަހަރު ރާއްެޖެ އާއި އިންޑިޔާއާއި ދެމެދު ސޮއި ކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގެ ތެރޭގައި ކަމަށާއި، މިއެކްޝަން ޕްލޭންގެ ދަށުން ޔޫޓީއެފް އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ ފެބްރުއައީމަހު 21 ވަނަ ދުވަހު ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

ޔޫޓީއެފް އެއްބަސްވުމަކީ އެމްއެންޑީއެފްގެ ޖެނެރަލުންގެ ތެރޭގައިވެސް މަޝްވަރާކުރެވި އެކި މަރުހަލާ ތަކުގައި ވާހަކަ ދެކެވި މަޝްވަރާ ކުރެވިގެން ހެދިފައިވާ އެގްރީމެންޓެއްކަން ތަކުރާރުކޮށް ފާހަގަ ކުރަށްވަމުން ޝަމާލު ވަނީ މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަނީ، އުތުރު ތިލަ ފަޅުގައި ތަރައްގީ ކުރެވޭ ހިދުމަތްތަކާއި ބެހޭގޮތުން ކަމަށްބުނެ އަސާސެއް ނެތް ހަގީގަތެއް ނެތް ލިޔުމެއްކަމަށް ވިދާޅުވެފައެވެ.

މިގޮތުން ދައުރުވާ ލިޔުމުގައި، އުތުރުތިލަފަޅުގައި ހަތިޔާރުއެޅި އަސްކަރީ ބަޔަކު ތިބޭވާހަކަ ހިމެނިފައިވީނަމަވެސް، މިފަދައިން ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭނެފަދަ އެއްވެސް މާއްދާއެއް، އަސްލު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ހިމެނިފައިނުވާނެކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މިފަދައިން ގައުމީ ދިފާއީ ބާރާއި ބެހޭގޮތުން ދޮގު ހަބަރު ފެތުރުނަނުދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ވެސް ޝަމާލު ވަނީ ކުރަށްވާފައެވެ.

ޝަމާލުގެ ވާހަކައިގައި އެފަދަ ސިޔާސީ ޕްރޮޕެގެންޑާ ފެތުރުމަށް މަސައްކަތް ކުރަނީ ކުރިން ވަޒީރުކަން ކުރަށްވާފައިވާ ބައެއް ބޭފުޅުންނާއި އެމްއެންޑީއެފްގައި ކުރިން މަސައްކަތް ކުރަށްވައިގެން ކުރިއަށް ވަޑައިނުގެންނެވުނު ބޭފުޅުން ކަމަށް އިޝާރާތް ކުރައްވަމުން ޔޫޓީއެފް އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ އެއްބަސްވުމުގެ ޑްރާފްޓް ލީކް ކޮށްލި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި އެކަމަށް ފާޑު ވިދާޅުވި ބޭފުޅުންނަށް ނުސީދާ ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން